މޯލްޓާގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފި

މޯލްޓާ ވިސާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގ ތެރެއިން --- ފޮޓޯ: ވީއެފްއެސް

މޯލްޓާގެ ވިސާއަށް އެދުމުގެ މަސައްކަތް ފަސޭހަކޮށްދިނުމަށް ޓަކައި، އެ ޚިދުމަތް ދިނުމަށް ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި މިއަދު ހުޅުވައިފިއެވެ.

އެ ސެންޓަރު ހުޅުވީ، އިންޑިއާގައި ހުންނަ މޯލްޓާގެ ހައިކޮމިޝަނާއި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ރަސްމީ ހައިސިއްޔަތުން ވިސާ ހަމަޖައްސައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލްއިން ގުޅިގެންނެވެ.

ވީއެފްއެސް ގްލޯބަލްއިން ބުނީ، މި ސެންޓަރު މެދުވެރިކޮށް މޯލްޓާގެ ހުރިހާ ވިސާ ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

މި ސެންޓަރު ހުޅުވައިދެއްވީ މޯލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޫބެން ގޯޗީ އަދި ވީއެފްއެސް ގްލޯބަލްގެ ޝެންގެން އޮޕަރޭޝަންސް (ނިއުދިއްލީ) ސީނިއަ ޖެނެރަލް މެނޭޖަރު ނަވީން ނާރާއެވެ.

އެ ސެންޓަރު ހުންނަނީ ބޮޑުތަކުރުފާނު މަގު، ހ. ބީޗް ޓަވަރުގެ ފުރަތަމަ ފަންގިފިލާގައެވެ.

އެ ސެންޓަރުން ޚިދުމަތް ހޯދުމަށް، ވީއެފްއެސް ގްލޯބަލް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމެންޓެއް ނެގޭނެއެވެ.

އެ ހަފުލާގައި ސަފީރު ރޫބެން ވިދާޅުވީ ރާއްޖެއިން މޯލްޓާ ވިސާ ނަގާ މީހުން މިހާތަނަށް ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ކަމަށެވެ. ނަމަވެސް މާލޭގައި މި ސެންޓަރު ގާއިމްކުރުމުން އިންޑިއާއަށް ދިއުމުގެ ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށާއި، މިއީ މަލްޓާގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަފުލާގައި، ވީއެފްއެސް ގްލޯބަލްގެ ސައުތު އޭޝިއާ ޗީފް އޮޕަރޭޓިން އޮފިސަރު މިސްޓާ ޕްރަބުއްދާ ސެން ވިދާޅުވީ، ވީއެފްއެސްއާއި މޯލްޓާއާ ދެމެދު 2008 އިން ފެށިގެން ގުޅުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ވިސާ ހުށަހެޅުމުގެ ކަންތައް އިތުރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން ވީއެފްއެސްއިން ދަނީ މޯލްޓާގެ ސަރުކާރާއެކު ވިސާ ޕްރޮސެސިން ޚިދުމަތުގައި ހަރަކާތްތެރިވަމުންނެވެ. މި ކުންފުނިން ދަނީ ސަރުކާރުތަކުގެ ފަރާތުން 38 ގައުމެއްގައި، 101އަށްވުރެ ގިނަ ވިސާ އެޕްލިކޭޝަން ސެންޓަރުތައް ގާއިމްކޮށްގެން ހިންގަމުންނެވެ.

comment ކޮމެންޓް