ވެލެތާ (18 ސެޕްޓެމްބަރު 2023): އެމެރިކާއާއި ޗައިނާގެ މަތީފެންވަރުގެ ބައްދަލުވުމެއް މެޑިޓަރޭނިޔަން ކަނޑުގައި ކުޑަ ޖަޒީރާ ގައުމެއްކަމަށްވާ މޯލްޓާގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ޗައިނާގެ ވަފްދުގެ އިސްވެރިއަކީ އެގައުމުގެ ޚާރިޖީ ވަޒީރު ވާންގް ޔީ އެވެ. އެމެރިކާގެ ވަފްދުގެ އިސްވެރިއަކީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެކް ސްލީވަން އެވެ. މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ބޭއްވި މި ބައްދަލުވުމާބެހޭގޮތުން ވައިޓް ހައުސް އިންނާއި ޗައިނާގެ ޚާރިޖިއްޔާ މިދެތަނުންކުރެ ކޮންމެ ތަނަކުންވެސް ބަޔާނެއް ނެރުނެވެ.
މި ދެބަޔާން ބުނާގޮތުން މިއީ ދުނިޔޭގެ ސުލްހައަށްޓަކައި އެމެރިކާއާއި ޗައިނާއާ ދެމެދު ބާއްވަންހަމަޖެހިފައިވާ މަތީފެންވަރުގެ ބައްދަލުވުންތަކުގެ ތެރެއިން މުހިއްމު ބައްދަލުވުމެކެވެ.
މޯލްޓާގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާއާއި ޗައިނާގެ މަސްއޫލުވެރިން މަޝްވަރާ ކުރެއްވީ ޔުކްރެއިން ހަނގުރާމައާއި ޓައިވާންގެ މައްސަލައާއި ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކާމެދު އުފެދިފައިވާ ދެބަސްވުންތަކާއި އޭޝިއާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެމެރިކާއާއި ޗައިނާއާ ދެމެދުގައިވާ ވާދަވެރިކަމާބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި ޗައިނާ ސިފައިންނާއި އެމެރިކާގެ ސިފައިންނާ ދެމެދު ބައެއް ބާވަތުގެ ގުޅުންތައް ބޭއްވުމަށް އެދި އެމެރިކާ ހުށަހެޅި ހުށަހެޅުމަކާމެދު ވިސްނާނެކަމުގެ އިޝާރާތެއް ޗައިނާގެ ވަފްދުން ދިނުމުން އެމެރިކާގެ މަސްއޫލުވެރިން ވަނީ ހިތްހަމަޖެހިފައެވެ.
އެމެރިކާއިން ޗައިނާގެ ސިފައިންގެ ލަޝްކަރުތަކާ ދެކޮޅަށް ޓެކްނިކަލް ގޮތުން ބައެއް ބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ ޗައިނާ ގެންދަނީ އެމެރިކާއާއި ޗައިނާގެ ސިފައިންގެ ލަޝްކަރުތަކުގެ މެދުގައި ގުޅުންތައް ރަނގަޅުކުރަން އެމެރިކާ އެދޭ އެދުންތަކަށް ދެކޮޅު ހަދައި ނޫނެކޭ ބުނަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން މޯލްޓާގެ ބައްދަލުވުމުގައި އެމެރިކާ ކަންބޮޑުވުން އެންމެ ބޮޑަށް ފާޅުކުރީ ރަޝިއާއިން ޔުކްރެއިންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ޗައިނާގެ ނުސީދާ އެހީތެރިކަން ލިބޭ މައްސަލައާއި ތައިވާން ކަނޑު އޮޅީގައި ޗައިނާ ހިންގާ އަސްކަރީ ކަންކަމާބެހޭގޮތުންނެވެ. އެމެރިކާ ދެކޭގޮތުގައި ރަޝިއާއަށް ވަރުގަދަ ކަމާއެކު ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމަ ކުރެވެނީ އެމެރިކާއާއި ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާއަށް ނުކުރާތީއެވެ.
މިފިޔަވަޅުތަކުގެ އަސަރު ރަޝިއާއަށް ނުކުރަނީ ޗައިނާއިން ރަޝިއާގެ ތެލާއި ގޭސް ގިނަ އަދަދަކަށް ގަންނާތީއާއި ރަޝިއާއަށް ބޭނުންވާ އިގްތިސާދީ ހުރިހާ އެއްޗެއް ޗައިނާއިން ރަޝިއާއަށް ވިއްކާތީއެވެ.
އަނެއްކޮޅުން އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާއިން ރަޝިއާއާއެކު އެދެގައުމުގެ ފައިސާއިން މުއާމަލާތް ކުރުމަކީވެސް އެމެރިކާގެ އާދަޔާ ޚިލާފު ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އަޅާފައިޥާ ދަތިކުރުމުގެ ފިޔަވަޅުތައް ވެފައިވަނީ ބޭކާރު އެއްޗަކަށެވެ.
އެމެރިކާގެ މަސްއޫލުވެރިން ލަފާކުރެއްވީ ޔުކްރެއިންއަށް ރަޝިއާ އަރައިގަތުމާއެކު އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާ އިގްތިސާދީ ގޮތުން މުޅިން ބަލިކަށިވެ ހަނގުރާމަ ކުރިޔަށް ނުގެންދެވޭ ވަރަށް ރަޝިއާ އިނދަޖެހިގެން ދާނެކަމަށެވެ. ނަމަވެސް ކަން ހިނގީ އެމެރިކާ ލަފާކުރި ގޮތާ މުޅިން ޚިލާފަށެވެ.
ޗައިނާ ރަޝިއާއާއެކު ކުރަމުން ގެންދިޔަ އިގްތިސާދީ މުއާމަލާތްތަކުގެ ސަބަބުން ރަޝިއާއަށް އެމެރިކާގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ނުކުރިއެވެ. އަނެއްކޮޅުން ރަޝިއާގެ ތެލާއި ގޭސް ސީދާގޮތެއްގައި ޔޫރަޕަށް ނުލިބި ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެތަކެތި އަގުބޮޑުކޮށް ގަންނަން ޔޫރަޕަށް ޖެހިފައިވާތީ ޔޫރަޕަށް ވަނީ އިގްތިސާދީ ގޮތުން ބޮދެތި ދަތިތަކެއް ކުރިމަތިވެފައެވެ.