ގައުމީ ފިލްމް އެވޯޑްސް: ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަމްޖޭއަށް

މިރޭގެ ރަސްމިއްޔާތުގައި އަމްޖޭ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑާ ހަވާލުވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމީ ދާއިރާއިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް މަޝްހޫރު ފިލްމް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އަށް ލިބިއްޖެ އެވެ.

އޭނާ އަށް އެ އެވޯޑް ލިބުނީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ ފިލްމް އެވޯޑްސް ހަފްލާގަ އެވެ. އަމްޖޭ އަށް އެވޯޑް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ފުރާވަރުން ފެށިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އަމްޖޭ އެންމެ ފުރަތަމަ އުފެއްދީ ގިނަ ބައެއްގެ ތަރުހީބެއް ލިބި، މިހާރުވެސް މަގުބޫލު ލަވައެއްކަމުގައިވާ "މަސްލަހަތު ނެތް އަނބިން"ގެ ލަވަ އެވެ.

އަމްޖޭގެ ފުރަތަމަ ޑްރާމާ ނުވަތަ ކުރު ފިލްމެއް ފެނުނީ ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމަކުންނެވެ. އެއީ 1985 ވަނަ އަހަރު އެވެ. އެއީ އޭނާގެ އަމިއްލަ ވާހަކައަކަށް ލިޔެ ތައްޔާރުކުރި ޑްރާމާ "މާބުރުގެ އުސޫލް" އެވެ. އެއަށްފަހު ތަފާތު މަސައްކަތްތައް ކުރަމުން ގޮސް އޭނާގެ ފުރަތަމަ ފީޗާ ފިލްމް "ހުރަސް" އާންމުންނާ ހަމައަށް ގެނެސްދިނެވެ.

އެކި ގޮތްގޮތުން ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި އަމްޖޭ އަކީ އެންމެ ފުރަތަމަ ދިވެހިން ނެރުނު ކުޑަކުދިންގެ ފިލްމް ވެސް ގެނެސްދިން ޑައިރެކްޓަރެވެ. އެގޮތުން ކުޑަފޫޅު ފަދަ ފިލްމް ތަކަކީ ފާހަގަކޮށްލެވޭ ފިލްމް ތަކެވެ.

އޭގެކުރިން އޭނާ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ އަސަރުގަދަ ލޯބީގެ ފިލްމުތަކެއް އުފައްދައިގެންނެވެ. އެގޮތުން "ކައްވަޅަށް ދާންދެން" އާއި "އަންބެއްގެ ލޯބި، ފިރިއެއްގެ ވާޖިބު" އަދި "އުދަބާނި" ފަދަ ފިލްމުތަކާ އެކު އަމްޖޭ ވަނީ ގިނަ ދިވެހިންތަކެއް މުނިފޫހި ފިލުވައިދީ ފިލްމީ ދާއިރާ އަށް އާ އުފެއްދުންތަކެއް ނެރެދީފަ އެވެ.

އެވޯޑާ ހަވާލުވުމަށްފަހު އަމްޖޭ ބުނީ، އޭނާގެ ފިލްމުތައް ކުޅެދިން ހުރިހާ ތަރިންނާއި، އަމްޖޭއަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެނާ ބުނީ ސަރުކާރުން އަމްޖޭގެ އަގު ވަޒަންކުރީތީ ސަރުކާރަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.

comment ކޮމެންޓް