ފިލްމީ ތާރީހުގައި ވެސް މިހާތަނަށް އެންމެ ދަށުން ރޭޓިން ލިބުނު ފިލްމުގެ ރިކޯޑު، ޑިޒްނީގެ ކްލެސިކް ކެރެކްޓަރު "ސްނޯ ވައިޓް"އަށް ބިނާކޮށް އުފައްދާ ލައިވް އެކްޝަން ފިލްމަށް ލިބިއްޖެއެވެ.
ޑިޒްނީގެ އެންމެ މަގުބޫލު ކެރެކްޓަރުންގެ ތެރޭގައި ހިމެނޭ ސްނޯ ވައިޓަށް ބިނާކޮށް ފިލްމެއް ނެރެން އުޅޭކަން ޑިޒްނީން އިއުލާނުކޮށްފައިވަނީ 2022ވަނަ އަހަރުގައެވެ.
ފިލްމު އިއުލާނުކުރުމާ އެކު ފިލްމުގެ ކާސްޓާ މެދު އެތައް ބައެއްގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ސްނޯ ވައިޓްގެ ރޯލުން ފެންނަ ލެޓިން އެކްޓަރު ރޭޗެލް ޒެގްލާއާ ގުޅިގެންނެވެ. މީހުން ބުނާ ގޮތުގައި އޭނާގެ ހަމުގެ ކުލަ ރޯލަކަށް ނުފެތެއެވެ. ދެން ހިޔާލު އުފެދުނީ އިޒްރާއިލު އެކްޓަރު ގަލް ގަޑޯޓް ފިލްމުގެ ލީޑު ރޯލަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ.
އެންމެ ފަހުން ފިލްމު ރިލީޒްކުރުމާ އެކު އެތައް ބައެއްގެ ފާޑުކިޔުން އަންނަނީ ފިލްމަށް ލިބެމުންނެވެ. ފިލްމު ރިލީޒްކުރި ފަހުން ހަފުތާއެއްވެފައިވާއިރު ފިލްމުގެ ރޭޓިން އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.
އައިއެމްޑީބީގައި ފިލްމުގެ ރޭޓިން އެންމެ ފުރަތަމަ އިނީ 10 އިން 4.2 ގައެވެ. ނަމަވެސް، ގިނަ ބަޔަކު ފިލްމަށް ރިވިއު ބޮމްބްކޮށް ފިލްމުގެ ރޭޓިން މިހާރު ވަނީ 1.5 އަށް ވައްޓާލާފައެވެ. މިއީ ތާރީހުގައި ވެސް އައިއެމްޑީބީގައި ފިލްމެއް މިހާ ދަށަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މީގެ ކުރީން އެންމެ ދަށް ރޭޓިންގައި އިނީ 2009 ވަނަ އަހަރު ނެރުނު ލައިވްއެކްޝަން ފިލްމު "ޑްރެގަން ބޯލް"ގައެވެ. އެތައް އަހަރެއް ވަންދެއް އެންމެ ދަށް ރޭޓިން ލިބިފައިވާ މި ފިލްމުގެ ރޭޓިން ވެސް އިނީ 2.8 ގައެވެ. މިހާރު މި ރޭޓިން ވެސް ވަނީ ވައްޓާލާފައެވެ.
މި ފިލްމު ފްލޮޕްވުމުގެ ފަހަތުގައި ވަނީ ރޭޗަލް ކަމަށް އެތައް ބަޔަކު ބުނެއެވެ. އެއިން އެއް ސަބަބަކީ އޭނާއަކީ ފަލަސްތީނަށް ސަޕޯޓު ކުރާ އެކްޓަރަކަށްވުން ކަމަށް އެތައް ބަޔަކު ބުނެއެވެ. އަނެއް ސަބަބަކީ އިޒްރާއިލަށް ސަޕޯޓު ކުރާ އެ ގައުމުގެ އަސްކަރިއްޔާގައި މަސައްކަތް ކުރި ގަލް ގަޑޯޓް ކަމަށް އެތައް ބަޔަކު ބުނެއެވެ.
ކްރިޓީކުން ބުނާގޮތުގައި ފިލްމުގައި ކިރިޔާ ވެސް ބަލާލެވޭ ކަހަލަ ގޮތެއް ހުރީ ރޭޗަލްގެ ސަބަބުންނެވެ.