މެލެފިސެންޓްގެ ތިންވަނަ ބައެއް، ސްކްރިޕްޓް ފަށައިފި

ޑިޒްނީން 2014 ވަނަ އަހަރު ނެރު ހިޓް ފެންޓެސީ ފިލްމު "މެލެފިސެންޓް"ގެ ތިންވަނަ ބައެއްގެ މަސައްކަތް ފަށައިފިއެވެ.

'މެލެފިސެންޓް'އަކީ ޑިޒްނީއިން ނެރެމުން އަންނަ ކާޓޫންގެ ލައިވް އެކްޝަން ފިލްމްތަކުގެ ތެރެއިން 1959ވަނަ އަހަރު ރިލީޒްކުރި 'ދަ ސްލީޕިން ބިއުޓީ' ކާޓޫންގެ މައްޗައް އުފައްދާފައިވާ ފިލްމެކެވެ.

ނަމަވެސް, ޑިޒްނީގެ މިފަދަ އެހެން ފިލްމްތަކާއި ހިލާފަށް މި ކާޓޫންގެ ލައިވްއެކްޝަން ފިލްމް ގެނެސްދީފައިވަނީ 'މެލެފިސެންޓް'ގެ ނަމުގައި ވާހަކަ ވެސް ބަދަލުކޮށްގެންނެވެ.

ފުރަތަމަ ފިލްމުގެ މަގުބޫލުކަމާ ގުޅިގެން އެންމެ ފަހުން 2019 އަހަރު ފިލްމުގެ ދެވަނަ ބައެއް ވެސް އުފެއްދިއެވެ. ފުރަތަމަ ފިލްމާ އެއްވަރަށް މި ފިލްމަށް ތަރުހީބު ނުލިބުނު ނަމަވެސް ގިނަ ބަޔަކު މި ފިލްމު ބަލައިގަތެވެ. އެއާއެކު ތިންވަނަ ބައެއް އުފައްދާނެކަމުގެ ވާހަކަތައް ދެކެވުނެވެ. ނަމަވެސް, މިކަން ކަށަވަރު ވެފައިވަނީ އިހަކަށް ދުވަހެވެ.

ޑިޒްނީން އެންމެފަހުން ފިލްމުގެ ތިންވަނަ ބައި އިއުލާނުކޮށް މަސައްކަތް ވަނީ ފަށާފައެވެ. ތިންވަނަ ފިލްމުގެ ސްކްރިޕްޓް ލިޔުމަށް ހަވާލުކޮށް މަސައްކަތް ފަށާފައިވަނީ މީގެ ދުވަސްކޮޅެއް ކުރީންނެވެ. ޑިޒްނީން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރާނީ ލިންޑާ ވޫލްވަޓަންއެވެ. ލިންޑާއަކީ މެލެފިސެންޓްގެ ފުރަތަމަ ދެ ބައިވެސް ލިޔުނު މީހާއެވެ.

ކާޓޫންގައި 'މެލެފިސެންޓް'އަކީ އީވިލް ކުއީންއެއް ކަމުގައިވިޔަސް، ފިލްމްގައި 'މެލެފިސެންޓް'ގެ ވާހަކަ ގެނެސްދީފައިވަނީ ވަރަށް ތަފާތުކޮށެވެ. މެލެފިސެންޓް ގެ ރޯލުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީއެވެ. ތިންވަނަ ފިލްމުގައި ވެސް އޭނާ ފެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް