އެންމެ ބޮޑު ބައިނަލްއަގުވާމީ ބޯޓު ޝޯ ގެއްލިދާނެތީ ލިވްއަބޯޑް އެސޯސިއޭޝަނުން ކަންބޮޑުވެއްޖެ

ޖަރުމަނުގެ ޑަސެލްފޯޑްގައި ބާއްވާ ބޯޓް ޝޯ 2016 ގައި ރާއްޖޭގެ ސްޓޭންޑު -- ފޮޓޯ: ވިޒިޓްމޯލްޑިވްސް

މި ފެށޭ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖަރުމަނުގައި އޮންނަ، އެންމެ ބޮޑު ބައިނަލްއަގުވާމީ ޑައިވް އެންޑް ބޯޓު ޝޯގައި ބައިވެރި ނުވެވިދާނެދީ، ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑެސްޓިނޭޝަން މާކެޓިންގް ބަޖެޓު ކުޑަވެފައި، ސަރުކާރުގެ ފަރާތުން އެކަމަށް ތައްޔާރުވެފައި ނުވާ ކަމަށް ބުނެ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖަމިއްޔާ، މަޓާޓޯއިން ވަނީ ބަޔާނެއް ނެރެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލޭމްއިން މިއަދު ނެރުނު ބަޔާނުގައި، މަޓާޓޯއިން ފާޅުކުރި ކަންބޮޑުވުންތައް ތަކުރާރުކޮށްފައިވެއެވެ.

ލޭމްއިން ބުނި ގޮތުގައި ރާއްޖޭގެ ލިވްއަބޯޑު އިންޑަސްޓްރީއިން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައިވެރިވެވޭނެ ބައިނަލްއަގުވާމީ މައުރަޒުތަކުގެ ޕްލޭނާއި ފެއާތައް ސަރުކާރުން އިއުލާންކޮށް، އަންގާފައި ނުވާ ކަމަށެވެ.

"ބައިނަލއަގުވާމީ މައުރަޒެއްގައި ތަކެތި ޕްރެޒެންޓު ކުރާ އިރު ދުރާލާ ޕްލޭން ކުރުމާއި ދަތުރުފަތުރުގެ އެރޭންޖްމެންޓް ހަމަޖައްސަންޖެހޭ. އަޅުގަނޑުމެން ދެކެނީ، ފަތުރުވެރިކަމަށް އެހާ ބޮޑަށް ބަރޯސާވާ ގައުމަކުން އަންނަ އަހަރުގެ ޑެސްޓިނޭޝަން މާކެޓިންގްއަށް ބައިވެރިވާނެ ފެއާތަކުގެ މައުލޫމާތު ފޯރުކުރުމަށް މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމަށް،"

ވަކިން ޚާއްސަކޮށް، ލޭމްއިން ފާޙަގަކުރަނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ޖަރުމަނުގެ ޑަސަލްޑޯފްގައި ބާއްވާ ޑައިވް އެންޑް ބޯޓު ފެއާގައި ބައިވެރިނުވެވުމުގެ ބިރު ހީވެފައިވާތީ، ލިވްއަބޯޑް އިންޑަސްޓްރީގެ އެކި ކުންފުނިތަކުން ކަންބޮޑުވަމުންދާ ކަމަށް ލޭމްއިން ބުނެއެވެ.

ލޭމްއިން އިތުރަށް ބުނީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑެސްޓީނޭޝަން މާކެޓިންގްގެ ކަންކަން ރޭވުމާއި ހިންގުމުގައި، ދިވެހި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތާ އެކުގައި ގުޅިގެން މަސައްކަތް ކުރަން އެދޭ ކަމަށެވެ.

comment ކޮމެންޓް