މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން 75ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ބާލިނޭލް)ގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ކެމްޕޭނެއް ކުރިޔަށް ގެންގޮސްފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މިއަދު ނިމުނު އެ ފެސްޓިވަލުގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަގުސަދަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި އޮތްއޮތުން ވަރުގަދަ ކުރުން ކަމަށެވެ.
ބާލިނޭލްއަކީ 1.6 މިލިއަނަށްވުރެ ގިނަ ބައިވެރިންގެ ސަމާލުކަން ހޯދާފައިވާ ހަރަކާތެކެވެ. އޭގެ ތެރޭގައި ފިލްމު އުފައްދާ ފަރާތްތަކާއި، މަޝްހޫރު ފަންނާނުންނާއި، އެ ސިނާއަތުގެ ޕްރޮފެޝަނަލުންނާއި ސިިނަމާއަށް ލޯބިކުރާ މީހުން ހިިމެނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، މިއީ ރާއްޖޭގެ ރީތިކަން ދައްކުވައިދިނުމަށް އެންމެ އެކަށީގެންވާ މަންސައެއް ފަހިކޮށްދިން އެއް ހަރަކާތް ކަމަށެވެ. އެ ގޮތުން މުޅި ފެސްޓިވަލް ތެރޭގައި ބޮޑު ދެ ޑިޖިޓަލް ބިލްބޯޑެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމެނޭ 30 ސިކުންތުގެ ވީޑިއޯ އިޝްތިހާރުތަކެއް ދައްކުވައިދިން ކަމަށް އެ ކުންފުނިން ބުނެއެވެ.
ހަތްދިހަ ފަސްވަނަ ބާލިނޭލްއަކީ އާޓިސްޓިކް ޑައިރެކްޓަރު ޓްރިޝިއާ ޓަޓަލް ފުރަތަމަ ފަހަރަށް ފެނުނު ހަރަކާތް ވެސްމެއެވެ. މި ފެސްޓިވަލް ފެށީ، ޓޮމް ޓައިކުވާގެ "ދަ ލައިޓް" ޕްރިމިއާއިންނެވެ. މި ހަރަކާތުގައި ފެނުނު މަޝްހޫރު ތަރިންގެ ތެރޭގައި، ޓިމޮތީ ޝަލަމޭ، ރޮބާޓް ޕެޓިންސަން އަދި ޖެސިކާ ޗެސްޓޭން ހިމެނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، މި ފަދަ މަތީ ފެންވަރުގެ އިވެންޓެއްގައި ރާއްޖެ ދައްކާލައި، ތަފާތު ބެލުންތެރިންނާ ހަމަޔަށް ވާސިލްވެ، ރާއްޖޭގެ ލަގްޒަރީ ބްރޭންޑު ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ތަފާތު ވިޝުއަލްތަކާއި މެސެޖުތަކާއެކު، ރާއްޖެ ޒިޔާރަތް ކުރުމަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރި ކަމަށް ވެސް ބުނެފައިވެއެވެ.
މި ކެމްޕޭނު ހިންގާފައިވަނީ އެސްއޯ މޯލްޑިވްސް، ރިޒޯޓް ލައިފް ޓްރެވަލް، ކެނަރީފް ރިޒޯޓް މޯލްޑިވްސް، އެރީނާ ހޮޓެލްސް، ބްރެނިއާ ކޮއްތޭފަރު، އަދި ސަމާ އައިލެންޑް މޯލްޑިވްސް ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަޝްހޫރު ފަރާތްތަކާ ގުޅިގެންނެވެ.