ބީއެމްއެލްއިން ކުޑަހުވަދޫގައި ޚިދުމަތް ދިނުމަށް އައު އިމާރާތެއް އަޅަނީ

ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އައު އިމާރާތުގެ ބިންގާ އަޅައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް ފުޅާކުރުމަށް މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، އައު ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

މިއަދު ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙުމަދު ޢަލީ ހަބީބާއި ސީއީއޯ، މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

އެ ހަފުލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ.

ބީއެމްއެލްއިން ބުނީ، މިހާރު ކުޑަހުވަދޫގައި ހުރި އޭޓީއެމްގެ އިތުރުން، އަލަށް ހުޅުވި އޭޓީއެމްއިން ކަސްޓަމަރުންނަށް އިތުރު ބޭންކިން ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިން މުއާމަލާތްތައް ކުރެވޭނެކަން ވެސް ބީއެމްއެލްއިން ފާހަގަކުރިއެވެ.

ޝަރީފް ވިދާޅުވީ ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ އެ ބޭންކުން މުޖުތަމައާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"އައު ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިން ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް ހުރެއެވެ.

comment ކޮމެންޓް