ފަތުރުވެރިކަން އިސްތިހާރުކުރަން ކަނޑައެޅި ބަޖެޓު ކުޑަވެގެން މަޓާޓޯ އިން ޝަކުވާކޮށްފި

ސެޕްޓެމްބަރ 27، 2016: ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އައިއެންއައިއޭގައި ޖެއްސި ފްލައިޓްތަކުގެ ފަސިންޖަރުންނަށް ޓޫރިޒަމް މިނިސްޓްރީން މަރުހަބާ ކިއުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓު މާ ކުޑަކަމަށް ބުނެ، މަޓާޓޯ އިން ޝަކުވާކޮށްފި އެވެ.

މަޓާޓޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ތަމްސީލުކުރާ ޖަމިއްޔާއެކެވެ.

މަޓާޓޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ކުޑަކަމާއި، އަންނަ އަހަރުގެ ޑެސްޓިނޭޝަން މާކެޓިންގްގެ މަސައްކަތްތަކަށް މިހާތަނަށް ވެސް ސަރުކާރުން ތައްޔާރުވެފައި ނުވާކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ބަޖެޓު މާ ކުޑަ

މަޓާޓޯއިން ބުނީ އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމާ އެކު މަޓާޓޯ އިން ސަރުކާރާ ބައްދަލުކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ މުހިންމު ކަމާއި، ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގައި ހަލުއިކަމާ އެކު އިތުރުވަމުންދާ އެނދުގެ އަދަދާ އަޅާ ބަލާއިރު، ޑިމާންޑާ ނުބައްދަލު ބަޖެޓެއްކަން އަންގާފައި ކަމަށެވެ. އަދި މިކަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އެހެނިހެން ފަރާތްތަކާ ވެސް ހިއްސާކޮށްފައިވާ ކަމަށް މަޓާޓޯ އިން ބުންޏެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ މާކެޓިންގް ބަޖެޓަކީ 2016 ވަނަ އަހަރާ އަޅައިބަލާއިރު 25 ޕަސަންޓު ކުޑަ އަދަދެއް ކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯ އިން ބުނީ 2017ގެ މާކެޓިންގް ބަޖެޓު، 2016 އާ އަޅާ ބަލާއިރު ބޮޑުތަން ކުޑަވެފައިވާ އިރު، މި ސަރަހައްދުގެ ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަކުރާ މަންޒިލުތައް ކަމުގައިވާ ސްރީލަންކާ، މޮރިޝަސް އަދި ސީޝެލްސް އިން ޑެސްޓިނޭޝަން މާކެޓިންގްއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ރާއްޖެއާ އަޅައިބަލާ އިރު ވިހި ގުނައަށް އިތުރު އަދަދެއް ކަމަށެވެ.

"ކުރިއަރަމުން އަންނަ ބީޗު ޑެސްޓިނޭޝަންތަކާއި ޕީއާރު ގޮންޖެހުންތަކާ އެކު، ސަރަހައްދީ ވާދަވެރިކަމުގެ ގޮންޖެހުން އިތުރުވަމުންދާ އިރު، ޓުއަރިޒަމް މިނިސްޓްރީން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގްއަށް ބޭނުންވާ މިންވަރަށް ދިނުމަކީ ކުރަން ޖެހޭ ކަމެއް،"

އަންނަ އަހަރަށް ތައްޔާރެއް ނުވޭ

މަޓާޓޯއިން ބުނީ އެ ޖަމިއްޔާއިން އަމިއްލަ އިސްނެގުމުގެ މަތިން ބައިނަލްއަގުވާމީ ޓްރޭޑު ފެއާތަކުގައި ބައިވެރިވާ ވުމަކީ އެމްއެމްޕީއާރުސީގެ މަސްއޫލިއްޔަތު އަދާކުރުން ނޫން ކަމަށެވެ. އަދި ރާއްޖޭގެ ބްރޭންޑު، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގައި ފުޅާ ދާއިރާއެއްގައި އިސްތިހާރުކުރަން ޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު މަދުވެ، ރާއްޖޭގެ ފަތުރުވެރިކަމުގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބޭ ރިޓާން ކުޑަވެގެން ދާނެ ކަމަށެވެ.

ޑިސެމްބަރު މަސް ފަށައި، އެ މަހުގެ މެދުތެރެއާ ހަމައަށް އައިސްފައިވާ އިރު ވެސް، އަންނަ އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާޗުގައި އޮންނަ ބައިނަލްއަގުވާމީ ޓްރެވަލް އަދި ޓްރޭޑު ޝޯތަކުގެ ސާކިއުލާތައް އެމްއެމްޕީއާރުސީއިން ނުފޮނުވާ ކަމަށް މަޓާޓޯއިން ބުނެއެވެ.

"ޓްރެވަލް ޕްލޭންތައް ހަދައި، ފްލައިޓުތަކާއި އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ހަމަޖެއްސުމަކީ އެކަށީގެންވާ ވަގުތު ލިބިގެން ދުރާލާ ކުރަންޖެހޭ ކަންކަން. އެންމެ ފަހު ވަގުތު ތައްޔާރުވާން އުޅުމަކީ ސްޕެއިން، އިންޑިއާ، ޖަރުމަނު، ސްވިޓްޒަލެންޑް އަދި ތުރުކީ ފަދަ ގައުމުތަކުގައި ރާއްޖޭގެ ބްރޭންޑު ތަމްސީލުކުރުމަށް އޮތް ރިސްކެއް،" މަޓާޓޯއިން ބުންޏެވެ.

މަޓާޓޯގެ މި ބަޔާނާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރާ ސަރުކާރުގެ އޮފީސް، އެމްއެމްޕީއާރުސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް