އަކޫ އަނެއްކާވެސް ނިއުއަށް ސޮއިކޮށްފި

އޫރިދޫ ދިވެހި ޕްރިމިއާ ލީގްގައި ވެލެންސިއާގެ އަކްރަމް އަބްދުލް ޣަނީ (ކ) ވިކްޓަރީގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ. އަންނަ ސީޒަންގައި އަކޫ ފެނިގެން ދާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން --- ސަން ފައިލް ފޮޓޯ

މިދިޔަ ސީޒަންގައި ކްލަބު ވެލެންސިއާއަށް ކުޅުނު ޑިފެންސިވް މިޑްފީލްޑަރު އަކްރަމް އަބްދުލް ޣަނީ (އަކޫ)، އަނެއްކާވެސް ނިއުރޭޑިއަންޓް ސްޕޯޓް ކްލަބަށް ސޮއިކޮށްފިއެވެ. މިއީ އޭނާ ނިއުއާ ގުޅުނު ތިން ވަނަ ފަހަރެވެ.

ނިއުގެ އާ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް އެ ކްލަބު ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން، އަކޫ އެ ކްލަބަށް ސޮއިކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ވޭތުވެދިޔަ އަހަރު ތަކުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ، އަކޫ ވަނީ، މިދިޔަ ސީޒަންގައި ކްލަބު ވެލެންސިއާއަށް ބަދަލުވުމުގެ ކުރީން، ނިއުއާއެކު 2012 އިން ފެށިގެން ނިއުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.

އަކްރަމަކީ 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ތާރީޚީ ރެކޯޑަކާއެކު ނިއުރޭޑިއަންޓުން އެފަހަރުގެ ދިވެހި ލީގު ކާމިޔާބުކުރި އިރު، އެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

"އަޅުގަނޑުމެން މި ބަލަނީ، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިތުރު ތިން ކުޅުންތެރިއަކު ޓީމަށް ސޮއިކުރާނޭ ކަމަށް. އޭގެ ތެރޭގައި ގައުމީ ޓީމަށް ކުޅެމުން އަންނަ މުހިންމު ކުޅުންތެރީން ވެސް ހިމެނޭ،" ނިއުގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ގަދަ ބާރުގެ ގޮތުގައި އޮތް ނިއުއަށް ނިމި ދިޔަ ސީޒަނުގައި އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެގޮތުން، ޒުވާން ކުޅުންތެރީން ތަކަކާއެކު މިދިޔަ ސީޒަނާ ކުރިމަތިލީ ނިއުއިން ލީގު ނިންމާލީ ފަސްވަނައިގައި އޮވެއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި، ނިއުއިން މިހާރު ވާހަކަދައްކަމުން ގެންދަނީ، ގޯލްކީޕަރު އިމްރާން މުހައްމަދާއި، ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ހުނަރުވެރި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއެވެ.

comment ކޮމެންޓް