ހުޅުމީދޫގައި އެއްވި މީހުން ދުރަށް ޖެއްސީ ކޯޓު ކައިރިއަށް އެއްވުމުން: ފުލުހުން

އިދިކޮޅު އިއްތިހާދު އެމްޔޫއޯއިން ހުޅުމީދޫގެ މަގުމަތީގައި ބާއްވަމުން ދިޔަ ޖަލްސާގައި ބޭނުންކުރަމުން ދިޔަ ޕޯޑިއަމް، ފުލުހުން ވެގެން ދުރަށް ޖައްސަނީ -- ފޮޓޯ/ އެމްޑީޕީ

އައްޑޫ ސިޓީގެ ހުޅުމީދޫގައި އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ޖަލްސާއަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ގޮވާލައި، އިދިކޮޅު އިއްތިހާދު އެމްޔޫއޯއިން މިރޭ އައްޑޫ ސިޓީގެ ހުޅުމީދޫގައި ޖަލްސާއެއް ބާއްވަން މަސައްކަތް ކޮށްފައި ވަނީ އެ ރަށުގެ ބޮޑުމަގުގެ އެއް ފަރާތުގައި ޕޯޑިއަމް ބަހައްޓައި، މަގުގެ އަނެއް ފަރާތުގައި ގޮނޑި ޖަހައިގެންނެވެ.

ނަމަވެސް ޖަލްސާ ފެށިގެން ކުރިއަށް ދަނިކޮށް، ރަޔަޓު ގިއަރުގައި ތިބި ފުލުހުން އައިސް ވަނީ، ޖަލްސާއަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސައި، އެއްވުމުގައި ބޭނުން ކުރަމުން ދިޔަ ޕޯޑިއަމާއި ސައުންޑް ސިސްޓަމްވެސް ދުރަށް ޖައްސައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ފުލުހުން ޖަލްސާއަށް ހުރަސް ނާޅާ ކަމަށާއި، ޖަލްސާ ހުއްޓުވާފައި ވެސް ނުވާނެ ކަމަށެވެ.

ނަމަވެސް، ޖަލްސާ ބާއްވަމުން ދިޔަ ސަރަހައްދަކީ ހުޅުމީދޫގެ ކޯޓު ހުންނަ ސަރަހައްދު ކަމަށް ވެފައި، ކޯޓު ކައިރިއަށް މީހުން އެއްވެފައި ތިބުމުން އެ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ.

ޖަލްސާއަށް އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރި ވަގުތު، ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ފުލުހުންގެ އަމަލަކީ، މިނިވަން އިންތިހާބެއް ބޭއްވުމަށް ރައްޔިތުން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ހިންގި އަމަލެއް ކަމަށެވެ.

"ހުޅުމީދޫގައި ޖަލްސާ ބާއްވަން އެއްވެސް ޖާގައެއް ނުދިނުމުން މި މަގުގަތީގައި އެއްފަރާތުގައި ޕޯޑިއަމް ބަހައްޓައި، އަނެއް ފަރާތުގައި ގޮނޑި އަތުރައި ރައްޔިތުން އެއްވެ ތިއްބާވެސް މިކަމަށް ހަޖަމް ނުކުރެވިގެން މިކަމަށް ހުރަސް އެޅީ،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، އެ އެއްވުމުގައި ސުލްހަވެރިކަން ނަގާލާ އެއްވެސް އަމަލެއް ހިނގާފައި ނުވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖަލްސާ ފަށައިގެން ހިނގަމުން ދިޔަ ވަގުތުވެސް ފުލުހުން ދިޔައީ، ޖަލްސާ ރޫޅާލާނެ ކަމުގެ އިންޒާރު ދެމުން ކަމަށެވެ.

"ފެށި ވަގުތުގަވެސް ޣައިރު ގާނޫނީ އަމުރުތައް ކުރަމުން ދިޔަ. ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދިނުމަށް އެ ހުރިހާ އިންޒާރެއް ދެމުން ގެންދިޔަ،" އޭނާ ވިދާޅުވިއެވެ.

މަގުމަތީގައި ބާއްވަމުން ދިޔަ ޖަލްސާއަށް އެއްވެ ތިބި ރައްޔިތުންނާއި، ޖަލްސާގައި ބޭނުން ކުރަމުން ދިޔަ ޕޯޑިއަމާއި ސައުންޑް ސިސްޓަމް ވެސް ފުލުހުން ދުރަށް ޖެއްސުމުގެ ސަބަބުން، އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ހުޅުމީދޫގައި ހިންގަވާ ޑެންޓަލް ކްލިނިކުގެ ގޯތިތެރޭގައި ޕޯޑިއަމް ބަހައްޓައިގެންނެވެ.

comment ކޮމެންޓް