ލަންދުއާއި ވެލިދޫ ބައްދަލުކުރި މެޗު އެއްވަރު

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ލަންދޫ އެފްސީއާއި ވެލިދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްޔެ ހަވީރު ލަންދުއާއި ވެލިދޫ ބައްދަލުކުރި 'ގްރޫޕް އޭ'ގެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގައި ލަންދޫން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މުހައްމަދު ސަމާހުއާއި ނައުޝާދު އަބްދުރަހީމް އެވެ. އެ މެޗުގައި ލަންދޫގެ ހުސައިން ސޮބާހު އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާ އިރު، ވެލިދޫގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަހުސަން އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަންދޫގެ ޔޫސުފް އަބްދުލް ރަހުމާން އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

އެ މުބާރާތުގެ 'ގްރޫޕް އޭ'ގެ އެންމެ ކުރީގައި އަދިވެސް އޮތީ ކުޑަފަރީ އެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، މާފަރާއި މަގޫދުއަށް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އަދި ލަންދުއާއި ވެލިދުއަށް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މިއަދު ހަވީރު ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ ހޮޅުދޫ އެފްސީއާއި ހެނބަދޫ އެފްޓީ އެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް