އުތީމުގެ ނަސީބުން ބޮޑު ނަފާ ހޯދުމާ ދިމާއަށް

އުތީމު --

ހއ. އުތީމުން: އަހުމަދު ސާއިލް އަލީ

ގައުމެއްގެ ނިސްބަތުން ތާރީހުގެ ތެރެއިން އެންމެ މުހިންމު ބިނާތަކާ އެކު ގުދުރަތީ ރީތި ފުރިހަމަ ކަމެއް ލިބިފައި ވަނީ މަދު މަންޒިލަކަށެވެ. ރާއްޖޭގައި އެފަދަ ނަސީބެއް ލިބިފައިވާ އެއް ރަށަކީ ހއ. އުތީމެވެ. ނަމަވެސް މިހާތަނަށް އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއްނުވެ އެވެ.

ޕޯޗްކީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވި ތިންބެއިންގެ ރަށަކީ މިއެވެ. އެބޭފުޅުން ދިރިއުޅުއްވި ގެދޮރު އުތީމު ގަނޑުވަރުގެ ގޮތުގައި ޗާލުކަމާ އެކު ފެންނަން އެބަހުއްޓެވެ. އެތައް ސަތޭ،ކަ އަހަރުވެފައިވާ އެ އިމާރާތަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އިމާރާތެވެ. ނަތީޖާއެއްގެ ގޮތުން މިރަށަކީ މުޅި ރާއްޖެއަށް މަޝްހޫރު ގިނަ ބަޔަކު ކޮންމެހެން އައިސްލުމަށް އެދޭ މަންޒިލެކެވެ. އެ ހިތްގައިމު ރަށަށް މިއަދު އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ލޯކަލް ޓޫރިޒަމް ތައާރަފްވުމަށް މިވަނީ ފައްކާވާން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހުއްދަދިނުމާ އެކު އުތީމް ކައުންސިލުން ވަނީ ޓޫރިސްޓު ހޮޓަލެއް އެޅުމަށް ރަށުގެ ހުޅަނގު އުތުރު ފަރާތުން 25463 އަކަމީޓަރުގެ ބިމެއް ދިނުމަށް ނިންމައިފަ އެވެ. ބަނދަރުން އެސަރަހައްދަށް ދެވޭގޮތަށް ސަރާސަރު ރީތި މަގެއްވަނީ ކޮށައިފަ އެވެ. އެސަރަހައްދު ވަށައިގެން ބޮޑު ދޮންވެލިގަނޑެއް ފެތުރިފައިވެ އެވެ. ފެހިކަން ގަދަ ގަސްތަކާއެކު ގުދުރަތީ ރީތިކަން އިންތިހާއަށް ފުރިހަމަ އެވެ. ސަތޭކަ އެނދުގެ 50 ޓޫރިސްޓު ކޮޓަރި ހެދުމަށް ބަޔަކާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.

އުތީމުން ޓޫރިސްޓު ހޮޓާ އެޅުމަށް ބިން ކުއްޔަށް ދިނުމަށް ނިންމާފައިވާ ސަރަހައްދު --- ފޮޓޯ/ ޖީއައި ޑްރޯން

އުތީމް ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫއު ހިންގުމަށް ދިވެހި ކުންފުންޏަކާ ހަވާލުކުރާނެ ކަމަށެވެ. މަސައްކަތް ހަވާލުކުރާތާ ހަ މަސްތެރޭ އަމަލީ މަސައްކަތް ފަށައި ތިން އަހަރު ތެރޭ ހިދުމަތްދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން އަހަރު ތެރޭ ހުޅުވާގޮތަށް އެއްބަސްވުމުގައި ވާނީ، ނަމަވެސް މަސައްކަތާ ހަވާލުވާ ފަރާތުން ޔަގީންކަން ދޭ 18 މަސް ތެރޭ ހިދުމަތްދޭން ފެށޭނެ ކަމަށް،" އަސްރާރު ވިދާޅުވި އެވެ.

އުތީމް ކައުންސިލުން ސަން އަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ

ރަށަށް އެތައް ނަފައެއް!

ޒަމާނުންސުރެ ގަނޑުވަރު ބެލުމަށް އެރަށަށް އެތައް ބަޔަކު ގޮސްއުޅެ އެވެ. ދިވެހިންނާއި ޓޫރިސްޓުންނެވެ. އުތީމަށް ދިމާވެފައިވާ އަރާފޭބުމުގެ ދަތިކަން ހައްލުވުމާ އެކު އެ އަދަދު އިންތިހާއަށް އިތުރެވެ. ނަމަވެސް އޭގެ ސަބަބުން ރަށަށް ލިބޭ އާމްދަނީ އެހާ ބޮޑަށް އިތުރުވެގެންނުދެ އެވެ. ނަމަވެސް ލޯކަލް ޓޫރިޒަމާ އެކު ބޮޑު އާމްދަނީއެއް ރަށަށް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އުތީމު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެތަން ހުޅުވޭތާ ފުރަތަމަ 10 އަހަރު ތެރޭގައި ކުލީގެ ގޮތުގައި އަކަ މީޓަރަކަށް 20.11 ރުފިޔާގެ ރޭޓުން ކޮންމެ މަހަކު 168000 ރުފިޔާ ކައުންސިލަށް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއާ ހަވާލުވި ފަރާތުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ނުވަތަ އިޖްތިމާއީ ޒިންމާގެ ދަށުން އުތީމު ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ހެދުމަށާއި ފަސް އެނދަށް ބެޑް ކެޕޭސިޓީ އިތުރުކޮށް ޕްރައިވެޓް ދެ ރޫމް ހެދުމަށް ނިންމާފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި މިހާރު ކައުންސިލް އިދާރާގައި ހިންގާ ޕޮލިސް ޑެސްކުގެ ބަދަލުގައި ރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށް ފުޓްބޯޅަ ދަނޑުގައި ޓާފް އެޅިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގެސްޓުހައުސްތަކާ އެކު އެ ރަށުގައި 100 ވަޒީފާ އިތުރަށް އުފެދިގެންދާއިރު 40 ޕަސެންޓް މީހުންނަކީ އެ ރަށު މީހުންނަށް ވާން ލާޒިމްވާނެ ކަމަށް ކައުންއިލުން ބުނެ އެވެ.

އުތީމުގައި ހުންނަ އުތީީމު ގަނޑުވަރު: މިއީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެ ---

އެވިޔަފާރި ކުރުމަށް އެތައް ފަހި މަގެއް!

އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް ޖިހާދު ކުރެއްވި އުތީމް ތަކުރުފާނުންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ. ގާތްގަނޑަކަށް 500 ވަރަކަށް އަހަރުވެފައިވާ އެގެއަކީ މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެ އެވެ. އެގޭގެ އިތުރުން 500 އަހަރުވީ ކާނިގަހަކާއި އާސާރީ އެތައް ތަރިކައެއް އެރަށުގައި އެބަހުއްޓެވެ. އެއީ ޓޫރިސްޓުން ވެސް އަދި ދިވެހިން ވެސް އެ ރަށަށް ޝައުގުވެރިވާނެ ސަބަބުތަކެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. އެހެންނަމަވެސް އުތީމުން، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ސްޕީޑް ބޯޓެއްގައި 12 މިނެޓުން ދެވޭ އިރު އެއީ އުތީމު ގެސްޓް ހައުސްތަކަށް މީހުން ގެނައުމަށްއޮތް އިތުރު ފަހި ފުރުސަތެކެވެ.

ދެ ފަތުރުވެރިއަކު ރަށެއްގެ މަގެއްގެ މަތީ ހިނގާފައި ދަނީ -- ސަން ފައިލް ފޮޓޯ

އުތީމާ ކައިރި، ދެތިން މިނެޓުން ދެވޭ ހިސާބުގައި ރިސޯޓްތައް އެބަހުއްޓެވެ. ޑައިވިން ޕޮއިންޓްތައް އެބަހުއްޓެވެ. އެހެންކަމުން މިއީ ވެސް އެރަށް ޕްރޮމޯޓްކުރުމަށް އޮތް ފަހި ފުރުސަތުތަކެކެވެ.

ކައުންސިލްގެ ރައީސް އަސްރާރު ވިދާޅުވީ ކައުންސިލްގެ ވިސްނުމަކީ އެރަށުގެ އަގުހުރި ތާރީހާއި ގުދުރަތީ ރީތިކަން އިސްތިހާރުކޮށްގެން އެރަށަށް ނަފާހޯދުން ކަމަށެވެ.

ގަނޑުވަރު ބެލުމަށްދާ ފަރާތްތަކަށް ޓިކެޓު ވިއްކައިގެން ކުޑަނަފައެއް ހޯދަމުން ދިޔަ އުތީމު ރައްޔިތުން މިއަދު މިވަނީ ބޮޑު އާމްދަނީ ހޯދުމަށް އަމާޒު ހިފައިފަ އެވެ. އެއީ އެރަށަށް ލިބިފައިވާ ގުދުރަތީ ތަފާތުކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. އެހެން ރަށަކަށް ލިބިގެންނުވާ ފަދަ ތާރީހީ ބިނާއާއި ގުދުރަތީ ރީތިކަން ބޭނުންކޮށްގެން ރަށަށް ޑޮލަރު ވެއްދުމުގެ ފަހުގެ ތައްޔާރީތައް މިވަނީ ފަށައިފަ އެވެ.

comment ކޮމެންޓް