ތާރީހީ ރަށެއް ކަމަށްވާ ހއ. އުތީމުގައި ޓޫރިސްޓުހޮޓަލެއް އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މޫސާ ޒަމީރު އެ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު އުތީމުގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަޝްރާރު އާދަމް އެވެ.
އެއެއްބަސްވުމާއި ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން އަޝްރާރު ވިދާޅުވީ އެއެއްބަސްވުމާ އެކު އެ ރަށުގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ލިބިފައިވާ ބައެއް އިހުތިޔާރުތައް އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމާއި މަސައްކަތް ބަޔަކާއި ހަވާލު ކުރުން ހިމެނޭ ކަމަށް އަޝްރާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި އިއުލާންކުރެވި ތިން ވަރަކަށް މަސްތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ތަންތަން ހުރި އަދި ތާރީހާ ގުޅިފައިވާ އެތައް ވާހަކައެއް ނިސްބަތްވާ އުތީމުގައި މިހާރު އެއްވެސް ވަރަކަށް ޓޫރިޒަމެއްނެތެވެ.