ފުރަތަމަ މެޗު ފިލްމީ ފަންނާނުންނަށް، ދެވަނަ މެޗު ޔޫތު މިނިސްޓްރީގެ ޓީމަށް

"ހަބޭސް 3" ހަރަކާތްތަކުގެ ތެރޭން ޔޫތު މިނިސްޓްރީން ބޭއްވި ފުޓްބޯޅަ މެޗުގައި މޮޅުވި ޓީމަށް ޝަރަފްވެރި މެހެމާން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު، ޓްރޮފީ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ކުޅިވަރާބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ހަބޭސް 3"ގެ ހަރަކާތްތަކުގެ ތެރެއިން ކުޅުނު ފުޓްބޯޅަ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުން ފިލްމީ ފަންނާނުންގެ ޓީމު މޮޅުވި އިރު، ދެވަނަ މެޗުން ޔޫތު މިނިސްޓްރީގެ ޓީމު މޮޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުތައް ކުރިއަށްދިޔައީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

"ހަބޭސް 3" ހަރަކާތްތަކުގެ ތެރޭން ޔޫތު މިނިސްޓްރީން ބޭއްވި ފުޓްބޯޅަމެޗުގެގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ އަންހެން ޓީމާއި ފިލްމީ ފަންނާނުންގެ އަންހެން ޓީމެވެ. އެ މެޗުގައި ޕެނަލްޓީ ޖަހައިގެން 3-1 ލަނޑުން ކުރި ހޯދާފައި ވަނީ ފިލްމީ ފަންނާނުންގެ ޓީމެވެ.

އެ މެޗުގައި ޔޫތު މިނިސްޓްރީގެ ޓީމަށް އެ ވުޒާރާގެ ވަޒީރު އިރުތިޝާމް އާދަމް ކުޅުއްވި އިރު، ދެ ޓީމުގައި ވެސް، ފިލްމީ ފަންނާނުންގެ ޓީމަށް ވެސް ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުން ކުޅެފައިވެ އެވެ.

"ހަބޭސް 3" ހަރަކާތްތަކުގެ ތެރޭން ޔޫތު މިނިސްޓްރީން ބޭއްވި ފުޓްބޯޅަމެޗުގެގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޔޫތު މިނިސްޓްރީގެ ފިރިހެން ޓީމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޓީމެކެވެ. އެ މެޗުން ޔޫތު މިނިސްޓްރީގެ ޓީމު މޮޅުވެފައި ވަނީ 2-1 ލަނޑުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޓީމުން ގިނަ މެންބަރުންތަކެއް ފެނުނު އިރު، ޔޫތު މިނިސްޓްރީގެ ޓީމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރާއި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ކުޅުއްވި އެވެ.

"ހަބޭސް 3" ހަރަކާތްތަކުގެ ތެރޭން ޔޫތު މިނިސްޓްރީން ބޭއްވި ފުޓްބޯޅަ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ މެޗުގައި ޔޫތު މިނިސްޓްރީން ކާމިޔާބުކުރި ލަނޑުތައް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޓީމުގެ ލަނޑު ކާމިޔާބުކޮށްދެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. ރިޔާޒްގެ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ.

ދެވަނަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިފައި ވަނީ ވެސް މެންބަރުންގެ ޓީމަށެވެ. ޔޫތު މިނިސްޓްރީ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އުފެއްދެވި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

"ހަބޭސް 3" ހަރަކާތްތަކުގެ ތެރޭން ޔޫތު މިނިސްޓްރީން ބޭއްވި ފުޓްބޯޅަމެޗުގެގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެ މެޗުތަކުގެ ކުޅުން ކުރިއަށްދިޔަ އިރު، ޖާޒީތައް ނީލަން ކިޔުމަށް ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ. އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމްގެ ޖާޒީއަށެވެ. އިރުތިޝާމްގެ ޖާޒީ އަށް 25،000 ރުފިޔާ ހުށަހަޅާފައިވެ އެވެ. އެ ހަރަކާތުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ ހިޔާ އަށެވެ.

comment ކޮމެންޓް