އަލްހާނާއި ރީކޯ މޫސަ އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފިން: އިލެކްޝަންސް ކޮމިޝަން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލްހާނާއި ރީކޯ މޫސާ މަނިކާ އެކު އެމްޑީޕީގެ ޖަލްސާއެއްގައި: އަލްހާނާއި ރީކޯ މޫސާ މަނިކު މިހާރު ވަނީ އެމްޑީޕީގެ މެމްބަރުންގެ ދަފުތަރުން އުނިކޮށްފައި ---- ސަން ފައިލް ފޮޓޯ

އިލެކްޝަންސް ކޮމިޝަންގައިވާ އެމްޑީޕީގެ މެމްބަރުންގެ ދަފްތަރުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ނަން އުނިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް މިރޭ ސަން އަށް ވިދާޅުވީ އަލްހާނާއި ރީކޯ މޫސަ މިއަދު ވަނީ އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައި ކަމަށެވެ.

ޝަކީލް ވިދާޅުވީ އެ ދެ ބޭފުޅުން އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ އެ ދެ ބޭފުޅުން ޕާޓީގެ މެމްބަރުކަމުން ވަކިކުރުމާ ގުޅޭ ހުރިހާ ލިޔުންތައް އެމްޑީޕީން އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ ކަމަށެވެ.

މީގެކުރިން އެ ދެ ބޭފުޅުން އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްދީފައި ނުވަނީ ކަމާ ބެހޭ ލިޔުންތައް އެ ކޮމިޝަނަށް ލިބިފައިނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރީކޯ މޫސަ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރަން ވޯޓު ނުދިނުމަށް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިންވިޕެއް ނެރެފައި ވަނިކޮށް އެއާ ޚިލާފުވެފައިވާތީ އެވެ.

އަލްހާން އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ އޭނާގެ ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަލްހާން ޕާޓީން ވަކިކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި އެމްޑީޕީގެ ގުނަވަންތަކުން ފާސްކޮށް ނިންމައިގެން އެޕާޓީ ބައިވެރިވެފައިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އިއްތިހާދު ގަބޫލު ނުކުރާނެކަމަށް ކަނޑައަޅައި، އެ އިއްތިހާދާ ދެކޮޅަށް މީޑިއާއާއި ސޯޝަލް މީޑިއާގައި އަލްހާން ވާހަކަދައްކަވާފައިވުން ހިމެނެއެވެ.

ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅަކާ އެކު ޕާޓީގެ ނަމުގައި ޕްރެސް ކޮންފެރެންސް ބާއްވައި ޕާޓީގެ ނިންމުންތަކަށް ފާޑު ކިޔާފައިވުމަކީ ވެސް އޭނާ ޕާޓީން ވަނިކުރަން ނިންމި ސަބަބެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަކިކުރި މައްސަލާގައި އަލްހާން ކުރިން ވިދާޅުވެފައި ވަނީ ޕާޓީގެ ހުރިހާ ގުނަވަންތަކުން އެ މައްސަލަ ނިންމުމުން ޝަރީއަތަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ޕާޓީން ވަކިކުރި މައްސަލާގައި ރީކޯ މޫސަ މިރޭ ސަން އަށް ވިދާޅުވީ، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ބޭނުންނުވާ ކަމަށެވެ.

"އެއްވެސްތަނަކަށް ހުށަހަޅާކަށް ބޭނުމެއް ނޫން،" ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިހާރު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އޭނާ ޕާޓީގައި ބަހައްޓަން ބޭނުންނުވާނަމަ ގަދަކަމުން ޕާޓީގައި ހުންނަވަން ބޭނުންނުވާ ކަމަށެވެ.

"އެމްޑީޕީގަ އަޅުގަނޑު ބަހައްޓަން ބޭނުން ނުވަންޏާ މިހާރު އެޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ނިންމި ގޮތެއް ނޫންތޯ އޮންނާނީ. އެމީހުން ބޭނުން ނުވަންޏާ ކޮންމެހެން ގަދަކަމުން އޭގެތެރެއަށް ފައިވިއްދާފަ އުޅޭނެ ކަމެއް ނެތެއް ނޫންތޯ،" ރީކޯ މޫސަ ވިދާޅުވިއެވެ.

comment ކޮމެންޓް