އެމްޔޫއޯއަކީ އެމްޑީޕީގެ ހަލާކު: އަލްހާން

ސަންޓީވީގެ "50 މިނިޓް" ޕްރޮގްރާމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު އާޒިފް

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަކީ އެމްޑީޕީގެ ހަލާކު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންޓީވީ ގެ "50 މިނިޓް" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ އެމްޔޫއޯ އަކީ އެމްޑީޕީގެ ހަލާކު ކަމަށާއި އެމްޑީޕީ ކުރިއަށް ދިއުމަށް އޮތް ހުރަހަކީ ވެސް އެއީ ކަމަށެވެ.

"މިހާރު މިއޮތީ އެމްޑީޕީ ގެއްލި އެމްޔޫއޯއަކަށްވެފައި. ހަގީގަތުގަ މިއަދު އެމްޑީޕީއެއް ނުވެސް ނެތް. އެމްޑީޕީގެ ސެކްރެޓޭރިއޭޓުން އެމްޑީޕީގެ ވަސީލަތްތައް ބޭނުންކޮށްގެން އެމްޑީޕީގެ ހަރުގެއާއި އެމްޑީޕީގެ އޮފީހާ އެމްޑީޕީގެ ފައިސާ ބޭނުންކޮށްގެން މިހާރު މިހިންގަނީ އެމްޔޫއޯ. އެމްޔޫއޯ ހިންގީމަ ނުކުތް ނަތީޖާއަކީ އެމްޑީޕީ މެމްބަރުންގެ ހިތުން އެ ބަލައެއް ނުގަނެވުނު. އެހެންވީމަ އެއަކަށް ތާއީދެއް ނުލިބުނު. މިއަދުގެ ހަގީގަތަކީ އެމްޔޫއޯއަކީ އެމްޑީޕީގެ ހަލާކަށްވެފަ މިއޮތީ،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އެމްޑީޕީއަށް ކުރިއަށް ދެވެން އޮތީ އެމްޔޫއޯ ބާތިލުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫން އެހެން އަމާޒަކަށް ދަތުރުކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ގައުމީ މަޖިލިސް ކޮންޓްރޯލް ކުރައްވަނީ ރައީސް ނަޝީދު ކަމަށާއި، އެމްޑީޕީގެ އާ ލީޑާޝިޕަކަށް އެ މަނިކުފާނު ޖާގަ ދެއްވަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް އިސްލާހުކޮށް ކޮންގްރެސް އެއް ބާއްވަން ޖެހޭކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީ ޑިމޮކްރަސީގެ މަގުން ނުހިނގައި ރާއްޖެއަށް ގެނެވޭނެ ޑިމޮކްރަސީއެއް ނޯންނާނެ ކަމަށާއި އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ނުކޮށް އެމްޑީޕީން ރިޔާސީ އިންތިޚާބަށް ސައްޙަ ކެންޑިޑޭޓަކުވެސް ނުނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެެވެ.

އެމްޑީޕީއަށް އަބަދުވެސް ނަޝީދު ބޭނުންވާނެ ކަމަށާއި ނަމަވެސް އެމްޑީޕީ ކުރިއަށް ދިއުމަށް ނަޝީދަކީ ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް