ކިރްކުކްގެ ތެޔޮ ހޮޅިއަކަށް ކަރަންޓު މައްސަލައެއް ދިމާވެ އެކްސްޕޯޓްސް މަދުވެއްޖެ

އިރާގުގެ ކިރްކުކް ސިޓީން ތެޔޮ އެކްސްޕޯޓު ކުރާ ހޮޅިއެއްގައި ކަރަންޓު މައްސަލައެއް ދިމާވުމާ ގުޅިގެން އެ ސިޓީއިން އެކްސްޕޯޓް ކުރާ ތެލުގެ މިންވަރު ދަށްވެއްޖެ އެވެ.

އިރާގު ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނި، ނޯތު އޮއިލް ކޯއިން ހާމަކުރި ގޮތުގައި ކަރަންޓު މައްސަލަ ދިމާވެ އެކްސްޕޯޓްސް ދަށްވެފައިވަނީ ތުރުކީއަށް ތެޔޮ އެކްސްޕޯޓް ކުރާ ހޮޅިއަކުންނެވެ.

މީގެ ކުރިން ދުވާލެއްގެ މައްޗަށް 133،000 ފީފާގެ ތެޔޮ ބޭރު ކުރާ މި ހޮޅިއަށް ދިމާވި މައްސަލައާ ގުޅިގެން މިހާރު ބޭރު ކުރެވެނީ ދުވާލެއްގެ މައްޗަށް 100،000 ފީފާގެ ތެލެވެ.

އެ ހޮޅިން ތެޔޮ ބޭރު ކުރަނީ މެޑިޓޭރިއަންގައި އޮންނަ ތުރުކީގެ ސޭހާން ޓާމިނަލް އަށެވެ. އަދި އިރާގުގައި އޮންނަ ކުރުދިސްތާން ރީޖަނަލް ގަވާމެންޓަށްވެސް މި ހޮޅި މެދުވެރިކޮށް ތެޔޮ ބޭރު ކުރެއެވެ.

ސައުދީ އަރަބިއްޔާއާ ޖެހިގެން އެންމެ ގިނައިން ތެޔޮ އުފައްދާ އޯޕެކް މެމްބަރު ގައުމުކަމަށްވާ އީރާގުން އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރަނީ ގަލްފް ސަރަހައްދުގެ ގައުމުތަކަށެވެ.

comment ކޮމެންޓް