މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް މި ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލުކޮށް ދެއްވާނެ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއު އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ފެށިއިރު، އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި އޮތީ މަސްވެރިކަމުގެ ސިނާއަތް ކަމަށާއި އެ ސިނާއަތުގައި ދިމާވާ ދަތިތަކަށް އަބަދުވެސް ހޯދާދެވެނީ ވަގުތީ ހައްލުތަކެއް ކަމަށެވެ.
މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ތެޔޮ ނުލިބިގެން އުޅޭ ހާލަތަލެއްގައި ތެޔޮ ބޯޓެއް ފޮނުވައިގެން އެ ދުވަހަށް އެކަން ހައްލުކޮށްދެވޭ ކަމަށެވެ. ނުވަތަ މަސް ނުކިރިގެން އުޅޭ ކަމަށްވާނަމަ، މަސް ބޯޓެއް އެ ދޯނި އޮތް ސަރަހައްދަށް ގެންގޮސް އެކަން ހައްލުވާނެ އިންތިޒާމު ހަމަޖައްސާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ސިނާއަތުގައި، އެންމެ ފުރަތަމަ ފެސިލިޓީއެއް ގާއިމުކުރީ ޅ. ފެލިވަރުގައި ކަމަށްވާއިރު، އެ ތަނަށް 47 އަހަރުވީއިރުގައި އެތަނުގެ ހާލަތަށް ކުރިއެރުމެއް ނާންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ، އެތަނަށް ދިމާވާ މައްސަލަތަކަށް ވަގުތީ ހައްލުތައް ހޯދޭތީ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިންނާ ދޭތެރޭ ރައީސް މުއިއްޒުގެ ތަޞައްވަރު ވަރަށް އުޖާލާ ކަމަށާއި އެހެންވެ، އެ ދާއިރާގައި ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް 30 ސެޕްޓެމްބަރު 2023ގައި ފައްޓަވާފައިވާ ކަމަށެވެ.
ހުވާ ކުރެއްވުމުގެ ކުރިއަށް އެމަނިކުފާނުގެ އެ މަސައްކަތްޕުޅު، ހަގީގަތުގައި މަސްވެރިންގެ ހުރިގޮންޖެހުންތައް ހައްލު ކޮށްދެއްވުމުގެ މަސައްކަތްޕުޅު އެމަނިކުފާނު ފައްޓަވައިފި. އެއާއެކީގައި، މުޅި ސިނާއަތުގައި ހުރި ހުރިހާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަނިކުފާނުގެ ޒައާމަތުގެ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ މަސްވެރިކަމުގައި ހުރި އުނދަގޫ ގޮންޖެހުންތައް އެމަނިކުފާނުގެ ފުރިހަމަ އިރުޝާދުފުޅާ އެކީގައި އަޅުގަނޑުމެނަށް ހައްލު ކުރެވިގެންދާނެ ފިޝަރީސް މިނިސްޓަރު އަޙުމަދު ޝިޔާމް
މީގެއިތުރުން، އަގުބޮޑުކޮށް، މަސްވެރިންނަށް ތެޔޮ ގަންނަން ލިބުން ދާއިމީކޮށް ހައްލުކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށާއި އެކަމަށް ޚަރަދުތަކެއް ހިނގާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.