މަސްވެރިންނާއި އާންމު ރައްޔިތުންނަށް އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއެއް އެސްޓީއޯއާ ގުޅިގެން ސަރުކާރުން މިއަދު ފަށައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
މި މަޝްރޫއާ ގުޅުން ހުރި އިތުރު ތަފުސީލު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ، އެންމެ ގިނަ މަސްދޯނިތައް ހަރަކާތްތެރިވަނީ މާލެ އަތޮޅުގައިކަން އެކުންފުނިން ކުރި ދިރާސާއަކުން އެނގިފައި ވާކަމަށެވެ.
އެހެންވެ، ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑުން އެސްޓީއޯގެ ރޭޓުން އެ މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް މިދިޔަ ޖޫން މަހު ހަމަޖައްސާފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
ހުޅުމާލޭގެ އިތުރަށް އެސްޓީއޯއިން ވަނީ ފިއުލް ސްޓޯރޭޖް ގާއިމުކުރާނެ ރަށްތަކެއް ކަނޑައަޅާފައެވެ. އެރަށްތަކަކީ:
- ހދ. ހަނިމާދޫ
- ހއ. އިހަވަންދޫ
- ށ. މިލަންދޫ
- ނ. މަނަދޫ
- ޅ. ފެލިވަރު
- ރ. ދުވާފަރު
- އއ. މަތިވެރި
- ވ. ފެލިދޫ
- މ. މުލަކު
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ހިރިލަންދޫ
- ލ. ގަން
- ގއ. ކޫއްޑޫ
- ގދ. ފަރެސްމާތޮޑާ
- ސ. ހުޅުމީދޫ
- ޏ. ފުވައްމުލައް
އެގޮތުން، ފެލިވަރާއި ކޫއްޑޫގައި ސެޓަޕް ގާއިމުކުރަން ބިން ހަމަޖައްސައިދިނުމަށް ފިޝަރީސް މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
އިތުރަށް ހުރި ރަށްތަކަށް ބިން ހަމަޖެއްސުމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ އެހީތެރިކަން ވެސް ބޭނުންވާ ކަން ފާހަގަކުރައްވައި، އޭނާ ވަނީ އެ ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކުގެ ބަނދަރު މަތިން އެ މިނިސްޓްރީން ބިން ހަމަޖައްސާދީފައިވާ ކަމަށެވެ.
ތިޔަ ފެނިވަޑައިގަންނަވާ ޕެލޭނާ އެއްގޮތަށް ޖެނުއަރީ 2026ގެ ކުރިން މިހާރު ކަނޑައަޅާފައިވާ ރަށްތަކުގައި ސެޓަޕް ގާއިމުކޮށް، މަސްވެރިން އަދި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުން. އަދި، މަސްވެރިކަމުގެ ސިނާއަތް ތަރައްގީވަމުންދާ މިންވަރަކުން އިތުރު ލޮކޭޝަންތައް މިއަށް އެޑްކުރުންއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް
އިތުރަށް ވާހަކަދައްކަަމުން އޭނާ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތާންގީ ބަނުމަކީ ދުވަސްތަކެއް ނަގައި، ޚަރަދު ބޮޑު ކަމަކަށްވާތީ، ފިއުލް ސްކިޑް ނުވަތަ ކޮންޓެއިނާގެ ޒަރިއްޔާއިން ސެޓަޕް ގާއިމުކޮށް ޖެޓީ ސަރަހައްދުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށެވެ.
އޭގެއިތުރުން، މި ރަސްމިއްޔާތުގައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މަސްވެރި ސިނާއަތުގައި ހުރި އުނދަގޫ ގޮންޖެހުންތައް ރައީސްގެ އިރުޝާދު ފުޅާ އެއްގޮތަށް މި ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ދެއްވާފައެވެ. އަދި، އެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމުގެ މަސައްކަތް ރައީސް ފެއްޓެވީ އެމަނިކުފާނު އިންތިޚާބުވި ދުވަހުން ފެށިގެން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.