މޯލްޑިވްސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިރޭ ކުޅުނު ލީގުގެ ފަހު މެޗުގައި މޯލްޑިވިއަންގެ މައްޗަށް ސިފައިން ކުރި ހޯދާފައި ވަނީ 3-1 ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ތިން ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ސެޓު 22-25 އިން ސިފައިން ގެންދިޔަ އިރު، ދެ ވަނަ ސެޓު މޯލްޑިވިއަނުން ގެންދިޔައީ 25-21 އިންނެވެ. ތިން ވަނަ ސެޓު 20-25 އިން ސިފައިން ގެންދިޔަ އިރު، ފަހު ސެޓު ފަސޭހަކަމާއެކު ސިފައިން ގެންދިޔައީ 18-25 އިންނެވެ.
ގައުމީ ވޮލީ ލީގު ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ. އޭގެ އިތުރުން ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ޔޫތު މިނިސްޓްރީގެ ޑެފިއުޓީ މިނިސްޓްރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ލީގުގެ ޑްރީމް ޓީމުގައި ހިމެނިފައި ވަނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި، ސިފައިންގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، ސިފައިންގެ އަހްމަދު އަނިލް އާއި، މޯލްޑިވިއަންގެ އަލީ އާމިރާއި، ސިފައިންގެ އިޝާން މުހައްމަދު (ބަޓިސް) އާއި، އެ ޓީމުގެ އާދަމް ނަސީމާއި، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުގެ ލިބެރޯ ޖަވާމް އަލީ އެވެ. ޑްރީމް ޓީމުގެ ކޯޗަކަށް ހޮވިފައި ވަނީ ސިފައިންގެ ކޯޗު އަހްމަދު އަދީލް (ބޭބެ) އެވެ.
ލީގުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ސްޕޯޓްސް ކްލަބު ސިޓީގެ ހަސަން ރަޒާން ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓެލްކޯގެ ހަސަން ނިލާމް އެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ދިވެހި ކުޅުންތެރިޔަކަށް ސިފައިންގެ އާދަމް ނަސީމް ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ މުބާޝިރު ރަޒާން އެވެ. އަދި ލީގުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ޗެމްޕިއަންކަން ވެސް ހޯދި ސިފައިންނެވެ.
ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ. އަދި އަންހެން ޑިވިޝަންގެ ރަނަރަޕްކަން ހޯދާފައި ވަނީ ޏ. ފުވައްމުލަކުގެ މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.