ކްލެމެންސީ ބޯޑުން ވައްޑޭ ވަކިކުރަން ގަރާރެއް ހުށަހަޅައިފި

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް: ކްލެމެންސީ ބޯޑުގެ މެމްބަރުކަމުން ވައްޑޭ ވަކިކުރަން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ---- ފޮޓޯ: މަޖިލިސް

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ ކްލެމެންސީ ބޯޑުގެ މެމްބަރު ކަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވަކިކުރުމަށް ޕީޕީއެމް އިން މަޖިލީހަށް ހުށަހަޅައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައްޑޭ ކްލެމެންސީ ބޯޑުން ވަކިކުރުމުގެ ގަރާރު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.

ގަރާރު ހުށަހަޅުއްވަމުން އާރިފް ވިދާޅުވީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓު ބައްދަލުވުމަށް ވައްޑޭ ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ. އެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހާޒިރުނުވާ ނަމަ އެބޭފުޅަކު ވަކިކޮށް އެ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވާނެ މެމްބަރަކު ކަނޑައެޅުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އާރިފް ވިދާޅުވީ ވައްޑޭ ވަކިކުރަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނާގާބިލު ވެގެން ނޫން ކަމަށާއި އޭނާ ވަކިކުރާ ހަމައެކަނި ސަބަބަކީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓު ބައްދަލުވުމަށް ހާޒިރުވެފައިނުވުން ކަމަށެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން ވައްޑޭ ވިދާޅުވީ ކްލެމެންސީ ބޯޑުގެ ރައީސް ކަމަށް ކަނޑައަޅާފައި ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށާއި އޭނާގެ ހާޒިރީ ބެލުން މާ އައުލާކަންބޮޑު ކަމަށެވެ.

"މާ އައުލާކަންބޮޑު ދެއްތޯ. ކްލެމެންސީ ބޯޑުގެ ރައީސެއްގެ ގޮތުގައި ބަންޑަރަ ނައިބު ކަނޑައަޅުއްވާފައި ހުރީ. ބަންޑާރަ ނައިބު ކިތައް ދުވަހު އެބަހުރިތޯ ހާޒިރުވެވަޑައިގެންފައި. ކިތައް ދުވަހުތޯ. މިއޮތްހާ ދުވަސްގެންދިޔައިރު ތިން ދުވަހު ވެސް ހާޒިރުވެފައި އޮވެއްޖެއްޔާ ރަނގަޅު،" ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ އޭނާ ކްލެމެންސީ ބޯޑުގެ މެމްބަރުކަމުން ވަކިކުރަން އުޅެނީ ހައްގު ގޮތުގައި ތެދުވެ، ހައްގުބަސް ބުނަން ފެށުމުން ހަޖަމު ނުވެގެން ކަމަށެވެ.

ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމާ ދެކޮޅަށް މީގެފަހުން އެންމެ ފުރަތަމަ ތެދުވާނީ އޭނާ ކަމަށާއި "ފްރޭމްކޮށްގެން" އޭނާ މަގާމުން ވަކިކުރަންޏާ އެކަން ކުރަންވީ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

ޕީޕީއެމް އަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ ކްލެމެންސީ ބޯޑަށް ވައްޑޭ އައްޔަން ކުރި ދުވަހު އެމްޑީޕީގެ މެމްބަރުން އެކަމާ ދެކޮޅު ހައްދަވައި، އޭނައާ ދިމާލަށް އެއްޗިހި ގޮވަމުން ދިޔަ ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އެމްޑީޕީގެ މެމްބަރުން ވައްޑެއާ އެއްކޮޅަށް ތިއްބެވި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ދީދީ ވިދާޅުވީ އެ މަގާމަށް އައްޔަން ކުރިއިރު ވެސް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވައްޑޭ އަށް ތައުރީފް ކުރި ކަމަށާއި މިއަދު ވެސް އޭނާގެ ގާބިލްކަމާ މެދު ސުވާލު ނުއުފައްދާ ކަމަށެވެ. ނަމަވެސް މަޖިލީހުން ކަންކަން ނިންމާނީ މެޖޯރިޓީ އިން ކަމަށާއި މެޖޯރިޓީއާ އެއްގޮތަށް ޕާޓީއަކުން ކަމެއް ނިންމުމުން އެއީ ޑިކޮމްރެސީއާ ޚިލާފް ކަމެކޭ ބުނުމަކީ ޑިމޮކްރެސީއާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ވައްޑޭ ކްލެމެންސީ ބޯޑުން ވަކިކުރަން ހުށަހަޅާފައިވާ އިރު، އެކަމަށް ޖަވާބުދާރީވުމަށް އޭނާ އަށް އެކަށީގެންވާ ފުރުސަތުދޭންޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭނުންފުޅުވާ ކޮންމެ ކަމެއް މަޖިލީސް ތެރެއިން ކުރަނީ ކަމަށާއި ކްލެމެންސީ ބޯޑުން ވައްޑޭ ވަކިކުރަންވީ ސަބަބެއް ނުފެންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ މިއަދު ފެނިގެން މިދަނީ ކްލެމެންސީ ބޯޑަށް މަޖިލީހުން އައްޔަންކޮށްފައިވާ މެމްބަރަކަށް ފުރުސަތު ނުދީ މަގާމުން ވަކިކޮށްލަން އުޅޭ މަންޒަރު ކަމަށެވެ.

އޭނާ ވިދާޅުވީ ކަން އޮތްގޮތް ބަލާނުލައި ބަޔަކު އެންގީތީ، އެ މަގާމުން ވައްޑޭ ވަކިކުރުމަކީ ފަހުން އެކަމާ މަޖިލިސް މެމްބަރުން ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ.

"އެއްވެސް މައްސަލައެއް ނެތް ކަމުނުދާމީހާ. މަގާމެއްގައި ހުރެގެން މަސްއޫލިއްޔަތު އަދާނުކުރާ މީހާ އަޅުގަނޑުމެން ވަކިކުރަންވީ. ރައްޔިތުންނަށް ހަރާންކޯރުވާ މީހާ ވަކިކުރަންވީ. ވަކިކުރެވެން އޮތް ގޮތަކަށް އެކަން ކުރަންވީ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޝަކުވާ އަކީ، އަޅުގަނޑުމެންގެ ރައްޔިތުން ވެސް ބަލާނެ މިއަދު މިކަންތައް. އަޅުގަނޑުމެންންނަށް މައްސަލަ ސާބިތުވުމެއް ނެތި ވަކި މީހެއްގެ މައްޗަށް ހިތްހަމަނުޖެހުމުން މިތަނަށް މައްސަލަ ގެންނަގޮތަށް ދެގަޑިއިރުގެ ތެރޭގައި އެކަން ކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ މިފަދަ ކަންކަމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ނާގާބިލު ބޭފުޅުންނާއި މަސައްކަތަށް ވަގުތު ނުދެވޭ ބޭފުޅުން މީގެ ކުރިން ވެސް މަޖިލީހުން ވާނީ ވަކިކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހުގައި ތިއްބެވިއިރު، ކްލެމެންސީ ބޯޑުގެ މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ބޭފުޅަކަށް އެ ފުރުސަތުދޭން ޖެހޭ ކަމަށެވެ.

comment ކޮމެންޓް