ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ގޮވާލައި ގަރާރެއް

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮންް އެރައިވަލް' އަދި 'އިލެކްޓްރޯނިކް އޮތޮރައިޒޭޝަން'ގެ ޚިދުމަތް ތައާރަފުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި މި ގަރާރަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ހުށަހަޅާފައިވާ ގަރާރެކެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭ ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 9.5 މިލިއަން ފަތުރުވެރިންނަކީ ރާއްޖެ އެތެރެވުމަށް ވިސާ ބޭނުންވާ މީހުން ކަމަށެވެ.

އެހެންކަމުން، މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިއްމު ކަމެއްކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މިހާރު ރާއްޖެ އަންނަ ފަތުުރުވެރިންނަށް ވިސާ ލިބެނީ އެ މީހުން ރާއްޖެ އައުމުން ކަމަށާއި އެ މީހުން ރާއްޖެ އައިސް ވިސާ ހޯދަން ގިނަ ވަގުތު ހޭދަކުރަން ޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި، އެކި ސަބަބުތަކާ ހުރެ ވިސާ ނުލިބި ބައެއް ފަތުރުވެރިން އަނބުރާ ދާންޖެހޭތަން އަންނަކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކި ސަބަބުތަކާ ހުރެ 9،940 މީހަކު ވިސާ ނުދީ އަނބުރާ ފޮނުވާލާފައިވެއެވެ. އެ ގަރާރުގައި ބުނާ ގޮތުން، އެ މައްސަލައަށް އެކަށީގެންވާ ހައްލެެއް މިހާތަނަށް ހޯދިފައެއްނުވެއެވެ.

އެއީ، ފަތުރުވެރިކަމަށް އޮތް ބޮޑު ގެއްލުމެއް ކަމަށް އެ ގަރާރުގައި މެންބަރު ހައިތަމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް މިހާރު 30 ދުވަހުގެ ވިސާ ހިލޭ ލިބެއެވެ. އެއީ، ރާއްޖެއަށް އައުމުގެ ކުރިން ވިސާއަށް އެދި ހުށަހަޅައިގެންނެވެ.

comment ކޮމެންޓް