ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕު ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ދެއްކެވި ވާހަކަތައް، ގާސިމް ދޮގުކުރައްވައިފި އެވެ.
މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް، އިދިކޮޅު ބައެއް ފަރާތްތަކުން ކުރަމުން ދަނީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައިވެފައިވާ ދަނޑިވަޅެއްގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް މައުމޫނަށް ބައިއަތު ހިއްޕަވާފައި ވަނިކޮށެވެ.
ނިހާން އިއްޔެ ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ އުޅުމަކީ މައުމޫނާއި ގާސިމް އެއްވެގެން އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރުދީގެން ކުރައްވާ ކަމެކެވެ.
"އޭގެ އިތުރުން އަޅުގަނޑުމެންނަށް އެބަ ފެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމް އަދި މިދެބައި މީހުން އެއްވެގެން އެމްޑީޕީ މެމްބަރުންނަށް ހިތްވަރުދީގެން ސައްލާކޮށްގެން ހަނގާކޮށްގެން އަދި އެހެން މިހެން ހަދައިގެން މި މަސައްކަތުގައި އަދަދު ހަމަކުރެވޭތޯ ވޭތުވެދިޔަތަނުގައި މަސައްކަތް ކުރެއްވިތަން،" ނިހާން ވިދާޅުވި އެވެ.
މިކަން ދޮގުކުރައްވައި، ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިހާން ވިދާޅުވި ވާހަކަ އޭނާ ދޮގުކުރައްވާ ކަމަށެވެ.
"ނިހާން ވިދާޅުވި ފަދައިން ސްޕީކަރު މަސީހު ވަކި ކުރާކަށް ޖޭޕީއިން ވެސް އަދި އަޅުގަނޑުވެސް މަސައްކަތެއް ނުކުރަން. އެކަން ދޮގުކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމު ހަމަނުޖެހުމަކަށް ހިނގައިދާނެ އެއްވެސް ކަމެއް، ޖުމްހޫރީ ޕާޓީއާއި އޭނާ ވެސް ނުކުރައްވާނެ ކަމަށެވެ.
ގާސިމް ރައީސް މައުމޫނަށް ބައިއަތު ހިއްޕެވި ދުވަހު އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މައުމޫނާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ރައީސް މައުމޫން ދައްކަވާ ވާހަކަތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ތަރުޖަމާނު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެބޭފުޅުން އެކުގައި އަތޮޅުތެރެއަށް ދަތުރުތަކެއް ކުރެއްވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ރެޑްވޭވް ފިހާރައާއި ކެފޭގެ އެއްބަސްވުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އުވާލާނެކަމުގެ ބިރެއް ކުރިމަތިވެފައި ވަނިކޮށް، މައުމޫން ފެކްޝަނުގައި ހުންނެވި، އޭދަފުށި ދާއިރާގެ މެމްބަރު އަދި ރެޑްވޭވްގެ ވެރިޔާ އަހްމަދު ސަލީމާއި އޭނާގެ އަރިސް ބޭފުޅެއް ކަމުގައިވާ ޝުޖާއި މިއަދު ވަނީ ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގެންފަ އެވެ.