ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުރާ މަސައްކަތުގެ އަޑީގައި ތިއްބެވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅޭ އުޅުމަކީ މައުމޫނާއި ގާސިމް އެއްވެގެން އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރުދީގެން ކުރަން އުޅޭ ކަމެއް ކަމަށެވެ.
"އޭގެ އިތުރުން އަޅުގަނޑުމެންނަށް އެބަ ފެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމް އަދި މިދެބައި މީހުން އެއްވެގެން އެމްޑީޕީ މެމްބަރުންނަށް ހިތްވަރުދީގެން ސައްލާކޮށްގެން ހަނގާކޮށްގެން އަދި އެހެން މިހެން ހަދައިގެން މި މަސައްކަތުގައި އަދަދު ހަމަކުރެވޭތޯ ވޭތުވެދިޔަތަނުގައި މަސައްކަތް ކުރެއްވިތަން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ރައީސް އެކަމުގެ އެންމެ އަޑީގައި ހުންނެވީތީ ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލްގެ ނަމުގައި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ އިރު މަސީހު އަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވަރަށް ވިސްނުންތެރިކަމާ އެކު ސަރުކާރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު ސުލްހަ މަސަލަސްކަމާ އެކު އިގްތިސޯދީގޮތުން ދުޅަހެޔޮކޮށް ގެންދެވެނީ ގައުމުގެ އެހެން ބާރުތަކުގެ ވެސް އެހީތެރިކަމާއި އެއްބާރުލުމާ އެކު ކަމަށެވެ.
"އޭގެތެރެއިން އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ރައްޔިތުންގެ މަޖިލިސް. ސަރުކާރަށާއި އަދި ދައުލަތް ހިންގާނެ ގޮތް ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން އިސްލާމްދީނުގެ އަސްލުތަކާ އުސޫލުތަކާ ޚިލާފުނުވާ ގޮތަށް ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ގާނޫނު ހަދާ މަޖިލީހަށް،" ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މަސީހު އާއި ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަނަ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ އެއީ އެއްވެސް ސިޔާސީ ޕާޓީއަކުން ކުރާ ކަމެއް ނޫންކަމަށާއި އެކަމުގައި އުޅެނީ މަޖިލީހުގެ މެމްބަރުންތަކެއް ކަމަށެވެ.