ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ޓްރިވެންޑްރަމާއި ކޮލަމްބޯގައި

މީހަކު ވޯޓުލަނީ: ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ބަހައްޓަނީ ހަތަރު ވޯޓު ފޮށި ކަމަށް އިލެކްޝަނުން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ހަތަރު ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ރައްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ އިންޑިއާ އަދި ސްރީލަންކާގައި ކަމަށެވެ. އަދި އެއިން ކޮންމެ ގައުމެއްގައި ވެސް ދެ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަނުން ބުނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ދެ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު ސްރީލަންކާގެ ކޮލަމްބޯގައި ވެސް ދެ ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށެވެ. ނަމަވެސް ފަހުން އެ ނިންމުން އިލެކްޝަނުން ވަނީ ބަދަލުކޮށްފަ އެވެ.

ރާއްޖެ އިން ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަން ނިންމާފައިވާ ނިންމުން އަލުން މުރާޖާކުރަން ކޮމިޝަންގެ ބައްދަލުވުމަށް ހުށަހެޅީ އިންތިޚާބުތަކާ ބެހޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީން އެގޮތަށް ލަފާދީފައިވާތީ އެވެ.

އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލުތަކުގެ އިންތިހާބުގައި ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. އަންނަ އަހަރު ރަށު ކައުންސިލަރުންގެ ގޮތުގައި 563 މެމްބަރަކު އިންތިހާބުކުރާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. އަދި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 67 މެމްބަރަކު އިންތިހާބު ކުރާނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޓީ ކައުންސިލަރުންގެ ގޮތުގައި އަންނަ އަހަރު 23 މެމްބަރަކު އިންތިޚާބު ކުރާނެ ކަމަށެވެ.

comment ކޮމެންޓް