ބީޖީ އާއި ޔުނައިޓެޑް ވިކްޓަރީ އެފްއޭކަޕް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

އެފްއޭ ކަޕްގައި އިއްޔެ ހަވީރު ބީޖީ އާއި ވޭރު ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވާ ބީޖީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީން، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބީޖީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި 8-0ގެ ބޮޑު ތަފާތަކުން ވޭރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކުއާޓާ ފައިނަލްގައި އަންނަ އާދިއްތަ ދުވަހު ބީޖީން ނިކުންނަށް ޖެހޭނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ބީޖީގެ އަށް ލަނޑުގެ ތެރޭން ތިން ލަނޑު ކާމިޔާބްކޮށް ކިންގްސްލީ އެލެޗީ ވަނީ ހެޓްރިކެއް ހަދާފައެވެ. ބީޖީއަށް ދެން ލަނޑުތަށް ކާމިޔާބުކޮށްދިނީ ހުސެއިން އަފްސަލް އާއި އަހުމަދު އުސާމާއި އިބްރާހިމް އަފްލާހާއި އިބްރާހިމް ހަމްދާންގެ އިތުރުން އިބްރާހިމް ރަޝީދު އަބޫބަކުރެވެ.

އެފްއޭ ކަޕް ގައި ރޭ ޔޫވީ އާއި ވިލިގިނލީ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދެވަނަ ބުރުގައި ރޭ ޔުނައިޓެޑް ވިކްޓަރީ މޮޅުވީ 6-0ގެ ނަތީޖާ އަކުން ވިލިމާލޭ ޔުނައިޓެޑް އަތުންނެވެ. ކުއާޓާ ފައިނަލްގައި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރަން ޖެހޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަލްބާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ ހަ ލަނޑުގެ ތެރޭން ދެ ލަނޑު ކާމިޔާބްކޮށްދިނީ ބިދޭސީ ފޯވާޑް ކެރިކް އަންދްރޭއެވެ. އަނެއް ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް އާއި މަހުމޫދު އަލީ އާއި ނާވީ މުހައްމަދުގެ އިތުރުން ހުސެއިން ޝިމާޒެވެ.

ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބް ނިކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އަންގާރަ ދުވަހު ކްލަބް ވެލެންސިއާ ނިކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.

comment ކޮމެންޓް