އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2016 ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ މެޗުތަށް ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ޓީމުން މުބާރާތުގެ ތަށި އުފުލައިލަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
އެފްއޭއެމުން ބުނީ، މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑުގެ މެޗުތައް މިމަހުގެ 28ގައި ފެށުމަށް ހަމަޖެހިފައި ވާ ކަމަށާއި، "ފައިނަލް ރައުންޑުގެ ގުރުއަތުލުން 18 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 15:00ގައި އެފްއޭއެމް ހައުސްގައި،" އޮންނާނޭ ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕް ޒޯން ހަތެއްގެ ޗެމްޕިއަން ގއ. ދެއްވަދޫ --- ފޮޓޯ: އެފްއޭއެމް
ރާއްޖޭގެ ހުރިހާ ރަށަކަަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ޖުމުލަ 75 ޓީމަކުން ބައިވެރިވިއެވެ. މި މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރުން ޖާގަ ހޯދާފައި ވަނީ، އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދުއާއި، ހދ. ހަނިމާދޫ، ނ. ލަންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި ގއ. ދެއްވަދޫއެވެ.

މިނިވަން ޗެމްޕިއަންޝިޕް ޒޯން އަށެއްގެ ޗެމްޕިއަންކަން ފޭދޫ ޓީމް ހޯދުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ އެފްއޭއެމް
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލު ސޮއިކުރައްވައި އެ އިދާރާއިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ވަނީ، "ކޮންމެ ޓީމެއްވެސް މެޗު ކުޅޭން ކަނޑައެޅިފައިވާ ރަށަކަށް އަންނަން ވަނީ، އެ ޓީމެއްގެ ދެ ދިދަ ހިފައިގެން" ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕް ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ޓީމު: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 ލަނޑުން ގައްދޫ ބަލިކުރުމަށްފަހު --- ފޮޓޯ: އެފްއޭއެމް
މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިފަހަރު 2200އަށް ވުރެން ގިނަ ކުޅުންތެރީން ބައިވެރިވާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.