ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރަން ކޯޓުން ހުކުމްކޮށްފި

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ---- ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެގޮތަށް ހުކުމްކޮށްފައި ވަނީ ޕީޕީއެމްގެ ދެ މަޖިލިސް މެމްބަރަކު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ. ގާޒީ މުހައްމަދު ހަލީމު މިއަދު ހެނދުނު އެ ހުކުމް ކުރެއްވީ ދެ ފަރާތުގެ ވަކީލުންނަށް މައްސަލައާ ގުޅޭ ގޮތުން ވާކާލާތު ކުރުމަށް 20 މިނެޓުގެ ދެއްވުމަށްފަހު އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ލިޔުމުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް ޕީޕީއެމްގެ ވަކީލު އުމަރު ޒާހިރު އެދިފައި ވަނިކޮށް، އެކަށީގެންވާ ވަރަށް ފުރުސަތު ދެވިއްޖެ ކަމަށް ވިދާޅުވެ، ގާޒީ ހަލީމް ވަނީ 15 މިނެޓުގެ ހުސް ވަގުތުކޮޅަކަށްފަހު ހުކުމް ކުރައްވާފަ އެވެ.

ގާޒީ ހަލީމު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ޕީޕީއެމް އިސްލާހުކުރުމަށް ކަމަށް ބުނެ ރައީސް މައުމޫނު އެކުލަވާލާފައިވާ މަޖިލީހަކީ ބާތިލް މަޖިލީހެއް ކަމަށެވެ.

ކޯޓަށް ހުށަހެޅިި ބަލަމުންދިޔަ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ވެސް ރައީސް މައުމޫން ފާޅުގައި ގޮންޖައްސަވާފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

މިހާރު ޕީޕީއެމަށް ދިމާވެފައިވާ ހާލަތަކީ ޕާޓީގައި ރައީސަކު ނެތުމެކޭ އެއްފަދަ ހާލަތެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ޕީޕީއެމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޕާޓީއެއްކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ކަމެއް ބަލަހައްޓައި ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

ގާޒީ މުހައްމަދު ހަލީމް ބެއްލެވި އެ މައްސަލާގައި މައްސަލައާ ގުޅިގެން ވާހަކަދެއްކުމަށް މައްސަލަ ހުށަހެޅި ފަރާތައް ވެސް އަދި ޕީޕީއެމަށް ވެސް ވަނީ 15 މިނިޓުގެ ފުރުސަތެއް ދީފަ އެވެ. އަދި މައްސަލާގައި ފަހު ބަސް ބުނުމަށް ފަސް މިނިޓުގެ ފުރުސަތެއް ދިނުމަށްފަހު އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.

ގާޒީ ހަލީމް ވިދާޅުވީ ގިނަ ދުވަސްވީ މައްސަލަތައް ނިންމުމަށް ކޯޓުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން މައްސަލަ ނިންމުމުގައި ވީހާވެސް އަވަސް ކުރުމަށް ޝަރީއަތުން މަސައްކަތް ކުރަމުން ދާކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ހާޒިރުވި ވަކީލު އުމަރު ޒާހިރު ވިދާޅުވީ މައްސަލާގައި އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގާޒީ ހަލީމް ވިދާޅުވީ މީގެކުރިންވެސް ފަސް ފަހަރެއްގެ މަތިން ޝަރީއަތަށް ހާޒިރުވުމަށް ޕީޕީއެމަށް ޗިޓް ފޮނުވުމުންވެސް ހާޒިރު ނުވާ ކަމަށެވެ.

ޕީޕީއެމްގެ ވަކީލަކީ 2013 ވަނަ އަހަރުން ފެށިގެން ޕާޓީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތެއްކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ ޗިޓް ފޮނުވުމުންވެސް ޝަރީއަތުގެ މަސައްކަތަށް ފާޅުގައި ދަތި ކުރުމުގެ ގޮތުން ޕީޕީއެމާއި ޕާޓީގެ ވަކީލުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ަޕީޕީއެމް ހިންގުން ރައީސް ޔާމީންއާ ހަވާލުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ރައީސް މައުމޫނުގެ ފަރާތުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް