ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ ގަޔާނާއަށް ނިސްބަތްވާ މީހަކު، ރާއްޖޭގެ ބޭންކަކަށް 10 މިލިޔަން ޑޮލަރު ޖަމާކުރަން މަސައްކަތް ކުރުމުން އެ ބޭންކުން އެ މުއާމަލާތް ކުރުމަށް ދެކޮޅު ހަދައިފިއެވެ.
ގަޔާނާގެ ނޫހެއް ކަމުގައިވާ ގަޔާނާ ގާޑިއަންގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ހިންގާ، އޭޝިއާގެ ގައުމަކަށް ނިސްބަތްވާ ބޭންކަކުން ވަނީ، ގަޔާނާގެ އިންވެސްޓަރެއްގެ 10 މިލިޔަން ޑޮލަރު ޖަމާކޮށްދޭން ދެކޮޅު ހަދައިފައެވެ. މި މީހަކީ މީގެ ކުރިން ގަޔާނާގެ ސިޔާސީ ފަރާތްތަކާ ގުޅިފައިވާ މީހެއް ކަމަށް ވެސް ގަޔާނާ ގާޑިއަންގައި ބުނެފައިވެއެވެ.
އެ ނޫހުގައި ބުނެފައިވަނީ، ގަޔާނާގެ މީހާ ރާއްޖެއަށް 10 މިލިޔަން ޑޮލަރު ޖަމާކުރަން މަސައްކަތް ކުރީ ނިއުދިއްލީގައި ހުންނަ ބޭންކެއް މެދުވެރިކޮށް ކަމަށާއި، ނަމަވެސް އެ ފައިސާގެ ހަގީގަތާއި އެ ފައިސާ އޭނާ ހޯދި ގޮތް އޭނާއަށް ކިޔައިދެވިފައި ނުވުމުން، ރާއްޖޭގައި ހުރި ބޭންކުން އެ ފައިސާގެ މުއާމަލާތް ކުރިޔަށް ނުގެންދިޔަ ކަމަށެވެ.
މި މުއާމަލާތް ކުރުމަށް ނިއުދިއްލީގައި ހުރި ބޭންކުން އޭނާ މަސައްކަތް ކުރާތާ ދެ މަސް ދުވަސް ވެއްޖެ ކަމަށް ގަޔާނާ ގާޑިއަންގައި ބުނެފައިވެއެވެ.
ރާއްޖެއަށް ފައިސާ ބަލައިގަތުމަށް މި ބޭންކުން ދެކޮޅު ހެދި ނަމަވެސް، މީގެ ކުރިން ގަޔާނާގެ މި މީހާއާއި އިތުރު ބަޔަކަށް އެތައް މިލިޔަން ޑޮލަރެއް އާންމު ނިޒާމުގެ ބޭރުން އެ ބޭންކުނުް ޓްރާންސްފާ ކޮށްދީފައިވާ ކަމަށް ގަޔާނާ ގާޑިއަން ނޫހުގައި ބުނެފައިވެއެވެ.
ރާއްޖޭގައި އޮޕަރޭޓުކުރާ އޭޝިއާ ގައުމުތަކުގެ ބޭންކުތަކަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން އަދި ޕާކިސްތާނުގެ ހަބީބް ބޭންކެވެ.
ގަޔާނާ ގާޑިއަނުން ބުނީ އަލްޖަޒީރާގެ "ސްޓީލިންގް ޕެރެޑައިޒް" ޑޮކިއުމެންޓްރީގައި، ރާއްޖޭގައި ހިންގުމަށް ރޭވިކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގް ހަރަކާތުގައި ތުހުމަތުކުރާ މެލޭޝިއާ، ސިންގަޕޫރު އަދި އިންޑޮނޭޝިއާގެ ވިޔަފާރިވެރިންގެ އިތުރުން، އެކަމުގައި ހިމެނޭ އިތުރު ބަޔަކު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
އަލްޖަޒީރާއާ ގުޅިގެން ގަޔާނާ ގާޑިއަނުން ހޯދި ހޯދުމުގެ ދަށުން، އެކަމުގައި ގަޔާނާގެ ސަރުކާރުގެ އޮފިޝަލަކާއި، ރާއްޖެއަށް 10 މިލިޔަން ޑޮލަރު ފޮނުވުމަށް މަސައްކަތްކުރި ގަޔާނާގެ އިންވެސްޓަރު ވެސް ހިމެނޭ ކަމަށް ގަޔާނާ ގާޑިއަނުން ބުނެއެވެ.
އަލްޖަޒީރާގެ "ސްޓީލިންގް ޕެރެޑައިޒް" ޑޮކިއުމެންޓްރީގައި ބުނެފައި ވަނީ މެލޭޝިއާގެ ވިޔަފާރިވެރިއަކު، ގިނަ އަދަދެއްގެ ނަގުދު ފައިދާ ލޯންޑާ ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އިންވެސްޓަރެއްގެ މެނޭޖަރަކަށް ވެގެން އަލްޖަޒީރާގެ އަންޑަކަވާ ރިޕޯޓަރަކު އެ ވިޔަފާރިވެރިޔާއާ ވާހަކަ ދެއްކި އިރު، އޭޝިއާގެ ސެންޓްރަލް ބޭންކެއް މެދުވެރިކޮށް ގިނަ އަދަދެއްގެ ކަޅު ފައިސާ ދޮވެލެވޭނެ ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ނުބުނެއެވެ.
ޑޮކިއުމެންޓްރީގައި ދައްކާ ގޮތުގައި މި ވިޔަފާރިވެރިއާއާ ގުޅުން ހުރި އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ އެހެން ވިޔަފާރިވެރިއަކު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅިގެން 1.5 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެއަށް ކަޅު ފައިސާ ވެއްދުމަށް ފަހު އެމްއެމްއޭ މެދުވެރިކޮށް ދޮވުމުގެ ރޭވުންތައް ރާވާފައިވެއެވެ. އަދި އަދީބާއި އެމްއެމްއޭގެ ގަވަރުނަރާ ދެމެދު ބަދަލުކުރެވިފައިވާ ޓެކްސްޓް މެސެޖުތަކެއް ކަމަށް ބުނާ މެސެޖުތަކެއް ވެސް ޑޮކިއުމެންޓްރީގައި ދައްކައެވެ.
ނަމަވެސް މި ތުހުމަތުތައް އެމްއެމްއޭއިން ވަނީ ދޮގުކޮށްފައެވެ.