އަލްޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން ތައްޔާރު ކުރި ޑޮކުއިމެންޓްރީ "ސްޓީލިންގް ޕެރަޑައިޒް"ގައި، ރާއްޖޭގައި މަނީ ލޯންޑަރިންގެ ހަރަކާތެއްގައި އެމްއެމްއޭއިން ބައިވެރިވި ކަމަށް ބުނެފައިވާ ވާހަކަ، އެ އޮތޯރިޓީއިން ދޮގުކޮށްފި އެވެ.
އަލްޖަޒީރާގެ "ސްޓީލިންގް ޕެރެޑައިޒް" ޑޮކިއުމެންޓްރީގައި ބުނެފައި ވަނީ މެލޭޝިއާގެ ވިޔަފާރިވެރިއަކު، ގިނަ އަދަދެއްގެ ނަގުދު ފައިދާ ލޯންޑާ ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އިންވެސްޓަރެއްގެ މެނޭޖަރަކަށް ވެގެން އަލްޖަޒީރާގެ އަންޑަކަވާ ރިޕޯޓަރަކު އެ ވިޔަފާރިވެރިޔާއާ ވާހަކަ ދެއްކި އިރު، އޭޝިއާގެ ސެންޓްރަލް ބޭންކެއް މެދުވެރިކޮށް ގިނަ އަދަދެއްގެ ކަޅު ފައިދާ ދޮވެލެވޭނެ ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ނުބުނެ އެވެ.
ޑޮކިއުމެންޓްރީގައި ދައްކާ ގޮތުގައި މި ވިޔަފާރިވެރިއާއާ ގުޅުން ހުރި އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ އެހެން ވިޔަފާރިވެރިއަކު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅިގެން 1.5 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެއަށް ކަޅު ފައިސާ ވެއްދުމަށް ފަހު އެމްއެމްއޭ މެދުވެރިކޮށް ދޮވުމުގެ ރޭވުންތައް ރާވާފައި ވެ އެވެ. އަދި އަދީބާއި އެމްއެމްއޭގެ ގަވަރުނަރާ ދެމެދު ބަދަލުކުރެވިފައިވާ ޓެކްސްޓް މެސެޖުތަކެއް ކަމަށް ބުނާ މެސެޖުތަކެއް ވެސް ޑޮކިއުމެންޓްރީގައި ދައްކަ އެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޑޮކިއުމެންޓްރީގައި އެމްއެމްއޭއާ ބެހޭގޮތުން ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް، ދޮގު ތުހުމަތެއް ކަމަށެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީ ނިންމާލަމުން ވަނީ، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ގުޅައި ކޮމެންޓެއް ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.
އެމްއެމްއޭއިން ބުނެފައި ވަނީ، އެމްއެމްއޭއަށާއި، އެމްއެމްއޭގެ ގަވަރުނަރަށް ވެސް އަލްޖަޒީރާއިން ގުޅާފައި ނުވާ ކަމަށާއި، އަލްޖަޒީރާއިން އެމްއެމްއޭ އާއި ގަވަރުނަރުގެ ކޮމެންޓު ހޯދުމަށް ގުޅި ކަމަށް ބުނާ ބުނުމާ މެދު ކަންބޮޑުވާ ކަމަށެވެ.
އެމްއެމްއޭއިން ބުނީ ދައުލަތުގެ މާލިއްޔަތަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާކޮށް ހިނގާ ނިޒާމެއް ކަމަށާއި، އެކަން ހިނގަނީ ދައުލަތުގެ ހަތަރު އިދާރާއެއްގެ އެންމެ އިސްވެރިންގެ ހާޒިރުގައި، އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
"އެ ހަތަރު ބޭފުޅުންގެ ހާޒިރުގައި މެނުވީ ހަޒާނާއަށް އެއްވެސް ފައިސާއެއް ވައްދާ އަދި ނެރުމަކީ ކުރެވޭނެ ކަމެއް ނޫން،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން ޚިދުމަތް ދެނީ ދިވެހި ސަރުކާރަށާއި މާލީ އިދާރާތަކަށް އެކަނި ކަމަށެވެ. އަދި އަލްޖަޒީރާއިން ބުނާ މުއާމަލާތް އެމްއެމްއޭ މެދުވެރިކޮށް ހިނގާފައި ނުވާނެ ކަމަށާއި، އެ ރިޕޯޓުގައި ބުނާ 1.5 ބިލިޔަން ޑޮލަރުގެ ފައިސާ އެމްއެމްއޭއަށް ވަދެފައި ވެސް ނުވާނެ ކަމަށެވެ.
"އެ ރިޕޯޓުގައިވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމުގައި ވާތީ، އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ދެމެހެއްޓުމަށް ބުރޫ އަރާނެތީ، އެފަދަ ދޮގު ވާހަކަތައް މީޑިއާތަކުން ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވެ އެވެ.