ސަބްސިޑީދީގެން ގައުމު އަބަދު ނުހިންގޭނެކަން ގަބޫލުކުރަންޖެހޭ: މުހައްމަދު އިސްމާއީލް

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް މަޖިލީހުގެ ޖަލްސާއެއްގައި ---- ސަން ފައިލް ފޮޓޯ

ކާޑުގެ ބާވަތްތަކުން ސަބްސިޑީދީގެން ގައުމު އަބަދު ނުހިންގޭނެކަން ގަބޫލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީ ކަނޑާލައި ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"މިބަދަލުގެ ސަބަބުން ގައުމުގެ އިގްތިސޯދަށް ވަރަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ ގައުމު ސަބްސިޑީ ދީގެން އަބަދަކު ނުހިންގޭނެކަން. އެއީކީ ވާނެ ކަމެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ ގައުމަށް ރެވެނިއު އިތުރުވާނެ ގޮތްތަކަށް ވެސް މަސައްކަތް ކުރަން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ ހަގީގަގަތަކީ ސޯޝަލް މީޑިއާ ގައްޔާއި އަދި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާ މިންވަރަށް ސަބްސިޑީގެ މައްސަލަ ނެތްކަން ކަމަށެވެ.

ސަބްސިޑީ ކަނޑާލީ ނިކަމެތީންނަށް ސަބްސިޑީ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްފަހު ކަމަށާއި ހަމައެކަނި މައްސަލައަކީ އެ ނިޒާމާ ހަމައަށް ރައްޔިތުމީހާ ވާސިލުވުމަށް ދިން "މައުލޫމާތު ކަރުދާހާއި އެކަންކަން އޮތްލެއް ތަންކޮޅެއް އުނދަގުލީ" ކަމަށް އޭނާ ވިދާޅުވިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ އެންސްޕާ އާއި އެސްޓީއޯ އާއި ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތައް ގުޅިގެން އެކުރެވޭ މަސައްކަތެއްގެ ތެރެއިން ތަންކޮޅެއް ލުއިކޮށް އެކަން ވެގެންދާނެ. އެއީ ޝައްކެއް ހުރި ކަމެއް ނޫން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކި ގައުމުތަކުގައި ރާއްޖޭގެ އަގުވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ސަބަބުން އިތުރުވާންޖެހޭ މިންވަރަށް އާމްދަނީ އިތުރުނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަންވީ ވަރަށް ބޭރުގެ އިންވެސްޓްމަންޓުތައް ނާންނަ ކަމަށް ވެސް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާ ގުޅޭގޮތުން މުހައްމަދު އިސްމާއީލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ރާއްޖެއަށް އިންވެސްޓަރުން ނައުމަށް ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން އެއްވެސް އިރެއްގައި މަސައްކަތްކޮށްފައިނުވާނެ ކަމަށެވެ. އިންވެސްޓަރުން ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވަނީ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް