އުތުރުތިލަފަޅުގައި މީގެ ކުރިން އިންޑިއާ ސިފައިން ތިބިކަން ކަށަވަރު ވެފައިވާ ކަމަށާއި ނަމަވެސް މިހާރު އެ ސިފައިން ނެތް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން މީގެ ކުރިން އުތުރުތިލަފަޅުގައި ތިބިކަން ކަށަވަރުވާ ވަރަށް ލިޔެކިޔުންތައް އެބަހުރި ކަމަށެވެ. ނަމަވެސް އޭރު އެ ތަނުގައި ތިބީ ކިތައް ސިފައިންކަން ޖެހޭނީ ބަލަން ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ގެނައީ ދެ ގައުމުގެ މެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށްވާނަމަ، އެފަދަ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންތައްތައް ހާމަކުރެވޭނީ ދެފަރާތުން އެއްބަސްވެގެން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އެކަން އެގޮތަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލައިފައި އަޅުގަނޑުމެންނަށް ހާމަކުރެވޭ މައުލޫމާތެއް ހާމަކޮށްދޭނަން،" ޣައްސާން ވިދާޅުވިއެވެ.
އެ ސިފައިން އުތުރުތިލަފަޅުގައި ތިބީ ހަތިޔާރާއެކުތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ މައުލޫމާތު ވެސް ހާމަކުރެވޭނީ އެ މަރުހަލާތަކުގެ ތެރެއިން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ވަނީ އުތުރުތިލަފަޅުގައި އިންޑިއާއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ދިވެހި ސިފައިންނަށް ފެސިލިޓީއެއް ގާއިމުކުރާއިރު އެތަނުގައި އިންޑިއާގެ ސިފައިން ހަތިޔާރާއެކު ތިބި ކަމަށް ތުހުމަތުކޮށްފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައްވައި ފެބްރުއަރީ 11، 2022ގައި ބައިވެރިވެވަޑައިގެންނެވި 'އިންޑިއާ އައުޓް' ހަރަކާތެއްގެ ތެރެއިން ވަނީ، އުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާތަނެއް ނޫން ކަމަށާއި އެއީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެ ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ހަތިޔާރު ހިފައިގެން ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނެތް ކަމަށެވެ. އަދި އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްގީ ކުރާ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައި ވެސް ހަތިޔާރު އެޅި އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.