މެޑިސިން ސްކޫލުގެ ކިޔެވުމަށް ބުރޫނާރާނެކަން ޔަގީންވުމުން ޔޫނިއަންގެ ޝުކުރު ރައީސަށް

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން އެދުނު ގޮތަށް އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ ވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސައިދެއްވުމުން ޔޫނިއަނުން މިއަދު ޝުކުރުއަދާކޮށްފިއެވެ.

މެޑިސިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުން އެހެން ތަނަކަށް ބަދަލުކުރަން ނިންމުމާ އެކު އެކަމުގެ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ޔޫނިއަނުންނެވެ.

ޔޫނިއަނުން މިއަދު ކުރި ޕޯސްޓެއްގައިވަނީ، މި މައްސަލައަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި މިކަން ދަރިވަރުންނަށް ރަނގަޅުވާނެ ގޮތަށް ނިންމަވައިދެއްވުމުން ޝުކުރުވެރިވާ ކަމަށެވެ. އަދި، މި މައްސަލައިގައި ކަންބޮޑުވަނީ ހަމައެކަނި މެޑިސިން ސްކޫލުގެ ދަރިވަރުން ނޫން ކަމަށާއި މިއީ ގައުމީ ޔުނިވާސިޓީގެ ހުރިހާ ދަރުވަރުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކޮށް ޔޫނިއަނުން ބުނީ، ކުދިންގެ ކިޔެވުމަށް ބުރުލެއް ނާރާނެކަން ޔަގީންވުމަކީ، ލިބުނު ތަސައްލީއެއް ކަމަށެވެ.

މެޑިސިން ސްކޫލު ދަރިވަރުން އެދުނު ގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔެވޭނެ ހަމަޖައްސާ އެކަން އިއުލާނުކުރީ އިއްޔެއެވެ.

https://sun.mv/191761

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، މިދިޔަ މަހު 26ގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެގޮތަށް ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވައިފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ކިޔަވާ ކުދީންނާ ގުޅުންހުރި އެ ފަދަ ކޮންމެ ކަމެއްގައާއި، ސިއްހީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމްދަނީއާ ފުދުންތެރިކަމާއި ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމަށެވެ.

މެޑިސިން ސްކޫލު ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުން ބަދަލުކުރަން ނިންމީ، އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުންނެވެ. އެއާ އެކު ދަރިވަރުން މަގުމަތިވާނެކަމަށް ބުނެ، މެޑިސިން ކިޔަވާ ދަރިވަރުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންވެ، މިހާރު ވެސް މެޑިސިން ސްކޫލެއް ހުޅުމާލޭގައި ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް