ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ފުވައްމުލަކުގައި ބޭއްވި ޕީޕީއެންގެ ޖަލްސާ އެއްގެ ތެރެއިން --- ފޮޓޯ//ޓްވިޓަ

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު އިއުލާނެގައި ބުނީ، އަންނަ ކައުންސިލް އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ބުނީ، ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅޭނީ ވެސް އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ ވެސް މިއަދާ ހަމައަށް އެޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.

ނަމަވެސް އެޕާޓީގެ ޕްރައިމަރީ ބާއްވާނޭ ވަކި ތާރީހެއް ބުނެފައިނުވާއިރު، އިއުލާނުގައި ބުނީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

މީގެ އިތުރުން، އެއްވެސް ކައުންސިލަކަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ އަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމަ، އެ ދާއިރާއަކުން ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ މީހެއް ކަނޑައަޅާނީ އެދާއިރާއަކަށް ކުރިމަތިލި މީހުން ތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށް ވެސް އެޕާޓީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވާލިއިރު، ޕީޕީއެމްގެ އެތެރޭގައި ފެކްޝަންތަކެއް ވަނީ އުފެދިފަ އެވެ.

އެޕާޓީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައި އޮތް ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ ހުރިހާ ގުނަވަންތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް