ފުޅިމަދު ފޮށިގަނޑުތަކަކަށް އަޅާފައިހުރި ގިނަ އަދަދެއްގެ ކަހަނބުފަތްތަކެއް ފުލުހުން އަތުލައިގެންފި އެވެ.
އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ފަޒީން ވިދާޅުވީ، އެ ތަކެތި އަތުލައިގަތީ ތ. ބުރުންޏާއި މާލޭގެ ފިހާރައަކުން ހިންގާ ގުދަނަކުން ކަމަށެވެ.
އެގޮތުން، ކަހަނބުފަތް އަޅާފައިހުރި ޖުމްލަ 26 ފުޅިމަދު ފޮށިގަނޑު އަތުލައިގަނެ، ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާ ހަވާލުކުރެވި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފަޒީން ވިދާޅުވީ، ބުރުނީގެ ގެއެއް ބަލައި ފާސްކޮށް 17 ފުޅިމަދު ފޮށިގަނޑުގެ ކަހަނބުފަތް ހޯދާފައިވާއިރު މާލޭގެ ގުދަނެއް ބަލައި ފާސްކޮށް ނުވަ ފުޅިމަދު ފޮށީގެ ކަނހަބުފަތް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން ދާއިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ ގުދަނަކުން ފެނުނު އެ ކަހަނބުފަތްތައް ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. ފެންނަ ފެނުމަށް އެއީ އަވީލައި ހިއްކައި، ވަރަށް ގިނަ ދުވަސްވެފައި ހުރި ފަތްތަކެކެވެ.
ފަޒީން ވިދާޅުވީ، މިހާރަކަށް އައިސް ތިމާވެއްޓަށް ގެއްލުންވާފަދަ އަދި ރާއްޖޭގެ ގާނޫނުތަކުންނާއި ގަވާއިދުތަކުން ހިމާޔަތް ކޮށްފައިވާ މިފަދަ ތަކެއްޗަށް ގެއްލުންދީ އަމަތައް ހިންގާ ފަރާތްތައް ގިނަ ވަމުންދާ ކަމަށެވެ.
ނަމަވެސް އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް އެކަށީގެންވާ އަދަބު ދޭނެ ކަމުގެ ޔަގީންކަން ފަޒީން ވަނީ އަރުވާފައެވެ.
މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ވެލާ ކަހަނބަކީ ދާއިމީކޮށް ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން، ކަނޑުގެ މާހައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ދާއިމީކޮށް ރައްކާތެރި ކޮށްފަ އެވެ.
އެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާގޮތަށް ވަނީ ކަނޑައަޅާފައެވެ.
ވޭތުވެ ދިޔަ ހަފްތާގައިވެސް ފުލުހުން ވަނީ ކަނޑުން ނެގުން މަނާ ބާވަތެއް ކަމަށްވާ ރަތްމުރަކަ ތަކެއް މާލޭގެ ގެއެއްގެ ތެރެއިން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެމައްސަލައިގައިވެސް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.