ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ގޮސް, އޭގެން ދަތުރު ކުރި ދެ މީހުން ގެއްލިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހަކު ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އުޅަނދުގައި ތިބި 10 މީހުންގެ ތެރެއިން އަށް މީހަކު މިހާރު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް، އަނެއް ދެ މީހުން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގިއިރު މުޅި ރާއްޖެއަށް މިހާރު އަންނަނީ ވަރަށް ވިއްސާރަ ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ނެރެފައިވާ މޫސުމުގެ ލަފާކުރުންތަކަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅު އެރުމުގެ ފުރުސަތު އޮތުމާއެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.