50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ... ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުންވަނީ ބުނެފައި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު ރީނދޫ ސަމާލުގެ ވަގުތު މިރޭ ދަންވަރު 12:30 އާ ހަމައަށް އިތުރުކޮށްފިއެވެ.

މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މިއީ މިއަދުގެ ތެރޭގައި މެޓް އޮފީހުން ނެރުނު ހަތަރު ވަނަ ރީނދޫ ސަމާލެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެއެވެ. އެ އިދާރާއިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އަންނަނީ އުފެދެމުންނެވެ.

މެޓް އޮފީހުން އެންމެ ފަހުން ނެރުނު ރީނދޫ ސަމާލު.. ފޮޓޯ/ މެޓް އޮފީސް

މި ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ މަގުތަކަށް ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މީގެ އިތުރުން މިއަދު މާފުށީ ބޭރުގައި ބަނދަރުކޮށްފައި އޮތް ސަފާރީއެއް ވެސް ގަދަ ވަޔާއެކު ނަގިލި ކަހާލައިގެން ގޮސް އެ ރަށު ތޮށްޓަށް ލައްގައި، އެ ސަފާރީ ވަނީ މުޅިން ފުނޑުފުނޑުވެފައެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

comment ކޮމެންޓް