ސަބްސިޑީ ދިނުމުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުގެ ފިއްތުންތައް ކުރިމަތިވޭ: ޒުހޫރު

ކާޑުގެ ސަބްސިޑީ އަށް ގެނައި ބަދަލާ ގުޅިގެން އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކައުންސިލުގެ ޗެއާ އަހުމަދު ޒުހޫރު ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ// އަހުމަދު ޝަރުވާން

ސަބްސިޑީއަށް ބޮޑު ބަދަލެއް ގެނެސް ފަގީރުންނަށް ކާޑުން ސަބްސިޑީ ދޭގޮތަށް ނިންމީ ބޭރުގެ މާލީ އިދާރާތަކުގެ ފިއްތުންތަކެއް ރާއްޖެއަށް ކުރިމަތިވެފައި ވާތީ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލުގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ސަބްސިޑީ ދެމުންގެންދާ، ކާޑުގެ ބާވަތްތައް ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކާޑުގެ ސަބްސިޑީއަށް ގެނައި ބަދަލާ ގުޅިގެން އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ ކާޑުން ސަބްސިޑީ ކަނޑާލީ ނޫން ކަމަށެވެ. އަދި ކާޑުން އެއްކޮށް ސަބްސިޑީ ކަނޑާލީކަމަށް ދައްކާ ވާހަކަތައް ޒުހޫރު ވަނީ ދޮގު ކުރައްވައިފަ އެވެ.

"އެސްޓީއޯގެ ހަޑޫ ހަކުރު ފުށުގެ ސަބްސިޑީގެ ކޮންމެވެސް މިންގަނޑެއް މިހާރު ވެސް މިވަނީ ބޭއްވިފައި. އެހެންނަމަވެސް ސަބްސިޑީގެ ކޮންމެވެސް މިންގަނޑެއް އަޅުގަނޑުމެން އުނިމިކުރީ." ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ސަބްސިޑީ ދެމުން އައި އުސޫލަށް ބަދަލު ގެންނަން ޖެހުނީ ބޭރުގެ މާލީ އިދާރާތަކުން ދެމުން ގެންދާ އެހީތަކާއި ލޯނުތައް ލިބުން ދަތިވުމުން ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ހުށަހަޅާ އެފަދަ ހުށަހެޅުންތަކަށް އަބަދު ފުރަގަސް ނުދެވޭނެ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

" އަޅުގަނޑުމެންގެ ތަރައްގީއަށް އަޅުގަނޑުމެން ނަގަން މިޖެހޭ ލޯނުތައް ނަގަންޖެހެނީ ދުނިޔޭގެ މާލީ އިދާރާތަކުން. ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ އަޅުގަނޑުމެނަށް ބޭރުގެ ފަރާތްތަކުން ފައިނޭންސް ކުރީމަ. އެހެންނަމަވެސް އެބޭފުޅުން އެއްގޮތަކަށްވެސް ފައިނޭންސް ކުރާކަށް ބޭނުމެއް ނުވޭ ދިވެހިރާއްޖޭގެ ހުރިހާކަމެއް ސަބްސިޑައިޒް ވެފަ އޮވެގެން" ޒުހޫރު ބޭރުގެ މާލީ އިދާރާތަކުން އެންމެ ކަންބޮޑުވީ ރާއްޖޭގެ ކަރަންޓާއި ކާޑުގެ ސަބްސިޑީ ދޭތީ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގައި މިހާތަނަށް އައިއިރު ހުރިހާކަމެއް ވެސް އޮތީ ސަބްސިޑައިޒް ކުރެވިފައި ކަމަށާއި އެހެންކަމުން ލިބެމުން އައި އާމްދަނީ ހަރަދުކުރަން އޮތީ " އަޅުގަނޑުމެންގެ އުފައްލައްޓަކައި" ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ބޭރުގެ އެހީތައް ލިބެން އަންނަނީ އެބޭފުޅުންގެ އަޑު އެހައިގެން ކަމަށްވާ ނަމަ އެކަން ކުރަން ޖެހޭ ކަމަށް ޒުހޫރު ވަނީ ވިދާޅުވި އެވެ.

ސަބްސިޑީ މީގެކުރިން ދެމުން ގެންގޮސްފައި ވަނީ ހައްގުވާ ފަރާތްތަކަށް ނޫން ކަމަށާއި ގެނެވުނު ބަދަކާ އެކު ސަބްސިޑީ ދެން ދެވޭނީ "އެންމެ ހައްގުވާ ފަރާތްތަކަށް" ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރަށް ލިބޭ އާމްދަނީއަކުން އަބަދު ސަބްސިޑީ ދޭން ޖެހޭ ނަމަ ފޫނުބެއްދޭ ވަރުގެ ކަންތައްތަކެއް ދިމާވާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ހަމައެކަނި ނިކަމެތިންނަށް ސަބްސިޑީ ދިނުމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓ ބޮޑުވާނެ އެވެ.

ކާޑުގެ ބާވަތްތަކަށް އާންމުކޮށް ދެމުން އައި ސަބްސިޑީ ކަނޑާލައި، އެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށްދޭ ގޮތަށް ހަމަޖައްސާފައިވާ އިރު، ސަރުކާރުން ބުނީ އެކަން ހަމަޖައްސާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ކަމަށެވެ.

ސަބްސިޑީ ލިބޭ ކޮންމެ ނިކަމެއްޗަކަށް މަހެއްގެ މައްޗަށް 40 ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އިރު ގޭބިސީއަކަށް ދިނުމަށް ނިންމާފައި ވަނީ މަހަކު 240 ރުފިޔާ އެވެ.

comment ކޮމެންޓް