ބޭހުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކުޑަކުދިންގެ އަދަދު ގިނަ: ހޯމް މިނިސްޓަރު

ބޭސްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މިންވަރު ދެނެގަތުމަށް ޓަކައި ބާއްވާ ވޯކްޝޮޕުގައި މިނިސްޓަރު އަޒްލީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

ތަފާތު އެކި ބަލިތަކުން ރައްކާތެރިވުމަށް ރާއްޖޭގައި ބޭނުން ކުރާ ބޭހުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކުޑަކުދިންގެ އަދަދު އިތުރު ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ އެކި ބޭނުންތަކަށް ރާއްޖޭގައި ގެންގުޅޭ ބޭސްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މިންވަރު ދެނެގަތުމަށް ޓަކައި މިއަދު ކަސްޓަމްސް ހެޑް އޮފީހުގައި ފެށި ވޯކްޝޮޕް ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ރާއްޖޭގައި ބޭހުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ މިންވަރު ދުވަހުއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށާއި އެކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

"ބޭސް މިހާރު ބޭނުން ކުރަމުން ދަނީ ހަމަ އެކަނި ބަލިތަކުން ސަލާމަތްވުމަކަށް ނޫން. މިހާރު ބައެއް ދިވެހިން މިފަދަ ބޭސްތައް ބޭނުން ކުރަމުން އަންނަނީ ނަހަމަ ގޮތުގައި. މިކަމުގެ ފަހަތުގައި ތިބެނީ ބޭހުގެ ވަގު ވިޔަފާރި ކުރާ ފަރާތްތައް،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނަހަމަ ގޮތުގައި ބޭސް ބޭނުން ކުރާ ބައެއް ފަރާތްތަކުން އިންޖެކްޝަންގެ ޒަރިއްޔާއިން ވެސް ބޭސް ބޭނުން ކުރެ އެވެ. އަދި ސިރަޕް ބޭސް ވެސް މަތި ޑޯޒޭޖްތަކުން ބޭނުން ކުރުމާއި ބޭސްގުޅަ ވެސް މަތި ޑޯޒޭޖްތަކަށް ބޭނުން ކުރުން މިހާރު ގިނަވެފައިވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ވަރަށް ހިތާމައާ އެކު ދަންނަވާލަން ޖެހޭ އެއް ކަމަކީ ކުޑަކުދިންގެ ތެރެއިން ގިނަ ބަޔަކު މިއަދު ދަނީ މިފަދަ ބޭސްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން. މިފަދަ ބޭސްތައް ވިއްކާ ވިޔަފާރި ކުރަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭސް ވިއްކާ ބައެއް ފަރާތްތަކުން،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ނަހަމަ ގޮތުގައި ބޭސް ބޭނުންކުރުމަކީ ގައުމަށް އޮތް ބޮޑު ގެއްލުމެއް ކަމަށާއި ރާއްޖޭގެ ހުރިހާ އުމުރުފުރާއެއްގެ މީހުން ވެސް މިފަދައިން ބޭސް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ގޮތަށް މިއަދު ފެށި މި ވޯކްޝޮޕްގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް، ކަސްޓަމްސް އޮތޯރިޓީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީ ހިމެނެ އެވެ.

އދ.ގެ ޕްރޮޖެކްޓް ސާވިސް (ޔުނޮޕްސް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ވޯކްޝޮޕްގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއޫރޯއިންވެސް ބައިވެރިވެ އެވެ.

comment ކޮމެންޓް