މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލައި، ޔުނައިޓެޑް ނޭޝަންސް (އދ)ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓުދީފިއެވެ.
މެކްސިކޯއިން ހުށަހެޅި މި ގަރާރު ހުކުރު ދުވަހު ފާސްކުރީ އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން 133 ގައުމުގެ ތާއީދާއެކުގައެވެ. މި ގަރާރާ ދެކޮޅަށް 33 ގައުމަކުން ވޯޓުދިންއިރު، ވަކި ކޮޅަކަށް ވޯޓު ނުދީ 16 ގައުމަކުން ވަނީ ހިފަހައްޓާފައެވެ.
ދިވެހިރާއްޖެއާއެކު މި ގަރާރާ ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ، އެމެރިކާ، ޗައިނާ، ޖަޕާން އަދި ޕާކިސްތާން ހިމެނެއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ، ބަހްރެއިން، މިސްރު، އީރާން، އިރާގު، ކުވެއިތު، އޮމާން އަދި ގަތަރުންވެސް ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދީފައެވެ.
އދ.ގެ އާންމު މަޖިލީހުން ފާސްކުރި މި ގަރާރުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމުތަކުގެ އަމިއްލަ ގާނޫނީ ނިޒާމުތައް ބައްޓަންކޮށް އަދަބުތައް ކަނޑައެޅުމުގެ އިހުތިޔާރު އޮތްކަން ބަޔާންކޮށްފައިވާއިރު، މަރުގެ އަދަބު ދެމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މަރުގެ އަދަބު އެއްކޮށް އުވާލުމުގެ މަގުސަދުގައި، އެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށާއި، މަރުގެ އަދަބު އުވާލާފައިވާ ގައުމުތަކުން އަލުން އެ އަދަބު ތައާރަފު ނުކުރުމަށް ގޮވާލާފައިވެއެވެ.
ހަމައެއާއެކު، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ކުރާ ކުށްތަކަށާއި، މާބަނޑު އަންހެނުންނަށާއި، ނަފްސާނީ ނުވަތަ ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަރުގެ އަދަބު ދިނުން ހިފެހެއްޓުމަށްވެސް އެ ގަރާރުގައި ގޮވާލާފައިވެއެވެ. އަދި މަރުގެ އަދަބު ކަނޑައެޅޭ ކުށްތަކުގެ އަދަދު މަދުކުރުމަށާއި، ކޮންމެހެން މަރުގެ އަދަބު ދޭންޖެހޭ ގޮތަށް އޮންނަ އުސޫލުތައް ނިމުމަކަށް ގެނައުމަށް ގައުމުތަކަށް އިލްތިމާސްކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި މިންގަނޑުތަކާ އެއްގޮތަށް މަރުގެ އަދަބު ތަންފީޒުކުރުން ކަމަށެވެ.
ނަވާރަސަތޭކަ ފަންސާސް ހަތަރު ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓިފައި އޮތް ނަމަވެސް، ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު މި ފަހުން ހުށަހެޅުއްވި މި ބިލުގައި، ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތްތައް ވަނީ ކަނޑައަޅާފައެވެ. އެ ބިލުގައިވާ ގޮތުން، ޝަރުއީ ތިން މަރުހަލާ ނިމި، މަރުވި މީހާގެ ހުރިހާ ވާރިސުން ކޯޓުގައި އެކަމަށް އެއްބަސްވުމުން، ހަތް މެންބަރުންގެ ޕެނަލެއްގެ ބެލުމުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެ އަދަބު ތަންފީޒުކުރާނެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހު މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކަނޑައަޅާފައިވާ ވަކި ބަރުދަނަކަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެފައިވަނީ، ޝަރުއީ ތިން މަރުހަލާ ނިމި މަރުގެ ހުކުމް އިއްވާފައިވާ މައްސަލަތަކުގައި އިންސާފުވެރިކަމާއެކު އެ އަދަބު ތަންފީޒުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ސަރުކާރުން މުރާޖައާކުރަމުން އަންނަ ކަމަށެވެ.