ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލުކުރުމަށް ބޭނުންވާ މަގު ފަހިވެފައި އޮތުމަކީ 2040ވަނަ އަހަރު އަންނަންވާއިރަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވުމަށް ކުރާ އުންމީދު ހާސިލުކުރުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އދ. އަށް 81 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ 2040ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ރާއްޖޭން ކުރާ އުންމީދު ހާސިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި އާންމުންގެ ކުރިއެރުމަށް އިންވެސްޓުކުރުމަށާއި އިގުތިޞާދު ވަރުގަދަކުރުމަށާއި ރާއްޖޭން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އދ ގެ އިތުބާރު ބިނާކުރެވޭނީ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރެވިގެން ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމަކީ އދ އަށް ކުރާ އިތުބާރު ކުޑަވާ ސަބަބެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުގައި ރައީސް ނެންގެވީ ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމާއި ކުދި ގައުމުތަކުގެ ކުރިއެރުމަށް މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ނުލިބުމެވެ.
އެމަނިކުފާނު ވިދާޅުވީ އދ ވާންވާނީ ހުރިހާ ގައުމެއްގެ ވެސް ހައްގުތަކަށް އިހުތިރާމުކޮށް ހުރިހާ ގައުމެއްގެ އަޑުތައް އަހާ ޖަމިއްޔާއަކަށް ކަމަށެވެ.
ރާއްޖޭން އަބަދު ވެސް ބައިނަލްއަގުވާމީ މުޖުތަމައާ އެކީ، ސުލްހަމަސަލަސްކަން ހިމާޔަތްކޮށް އިންސާފު ގާއިމުކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.