އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގެ 53 ވަނަ ސެޝަން ސުވިޓްޒަލެންޑުގެ ޖެނީވާގައި ހުންނަ ޕެލެސް ޑެ ނޭޝަންސްގައި މިއަދު ފަށައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ފެށުނު މި ބައްދަލުވުން ދެ ހަފުތާގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށާއި، މި ސެޝަން ނިމޭނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޔޫޕީއާރު ވޯކިންގ ގްރޫޕުން އދ. ގެ މެންބަރު 14 ގައުމެއްގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް ވަރަށް ފުޅާ ދާއިރާއެއްގައި ބަލައި މުރާޖައާކުރާނެއެވެ.
މި ސެޝަންގައި އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ހަމަޖެހިފައިވާ 14 ގައުމަކީ އެންޓިގުއާ އެންޑް ބާބިއުޑާ، އެސްވާޓިނީ، ގްރީސް، ހަންގޭރީ، އަޔަލެންޑް، ޕަޕުއާ ނިއު ގިނީ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑިންސް، ސަމޯއާ، ސުރިނާމް، ތަޖިކިސްތާން، ތައިލެންޑް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒޭނިއާ އަދި އެމެރިކާއެވެ.
މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެއިން އަމަލީ ގޮތުން ބައިވެރިވެ، މުރާޖައާކުރެވޭ ހުރިހާ ގައުމުތަކަކަށްވެސް އިންސާނީ ހައްގުތައް ކުރިއެރުވުމަށް ބޭނުންވާ ބިނާކުރަނިވި ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޔޫޕީއާރުގެ މި ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދު ލީޑު ކުރައްވަނީ އދ. ގެ ޖެނީވާ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ކައުންސެލަރ އާދަމް ހާމިދު، ކައުންސެލަރު އާމިނަތު ޝިފާޔާ އިބްރާހީމް އަދި ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ އާއިޝަތު ރަޔާހީން ހިމެނިވަޑައިގަންނަވައެވެ.
އަހަރަކު ތިން ފަހަރު ބާއްވާ ޔޫޕީއާރު ވޯކިން ގްރޫޕުގެ ބައްދަލުވުންތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ 2022 ގެ ނޮވެމްބަރުގައި ފެށި، 2027 ގެ ނިޔަލަށް ދެމިގެންދާ ހަތަރުވަނަ ސައިކަލެވެ. ޔޫޕީއާރަކީ އދ. ގެ މެންބަރު ހުރިހާ ގައުމުތަކެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަނެ، އެ ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދުމުގައި ލިބިފައިވާ ކުރިއެރުންތައް ހިއްސާކުރުމަށާއި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމާމެދު އެހެން ގައުމުތަކުން ލަފާދިނުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.