ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި އަމީން ފައިސަލާ ސުވާލުކޮށްފި

އަމީން ފައިސަލް މިރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް، ހަފްތާއެއް ވަންދެން ކ. އާރަށުގައި ބެހެއްޓި މައްސަލާގައި ޓެރަރިޒަމްގެ ތުހުމަތުކޮށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާ ސުވާލުކޮށް ފުލުހުން ބަޔާނެއް ނަގައިފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ސިފައިން ހައްޔަރުކޮށް ކ. އާރަށަށް ގެންގޮސްފައި ވަނީ 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.

ސިފައިން އޭރު ޔާމީން ހައްޔަރުކޮށް އާރަށަށް ގެންދިޔައީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލިފަހުންނެވެ.

ކުރީގެ ޓެރަރިޒަމްގެ ގާނޫނާއި ގާނޫނުލް އުގޫބާތުގެ ދަށުން ތުހުމަތުތަކެއް ކޮށް މިރޭ ފުލުހުން ސުވާލު ކުރުމުން އަމީން ފައިސަލް ވިދާޅުވީ، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލު ވެސް މިރޭ ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި އޭނާ ވަނީ ބަޔާނެއް ދެއްވާފައެވެ.

ނަމަވެސް އޭނާގެ ބަޔާނުގައި ވަނީ ކޮން ވާހަކަތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ. މޫސާ އަލީ ޖަލީލު ވެސް އަދި އޭނާގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވެސް މިރޭ ނޫސްވެރިންނަށް އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.

comment ކޮމެންޓް