ފުނަދޫގެ އިންތިޚާބީ މެންބަރު މަމްދޫހަށް ސިހުރު ހަދަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސިރުހު ހެދިކަމުގެ ތުހުމަތުގައި ށ. ފުނަދޫން 60 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށު މީހުން ތުހުމަތުކުރަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިންތިޚާބީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ)އަށް އެ މީހާ ސިހުރު ހަދަން އުޅުން ކަމަށެވެ.

ފުނަދޫން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ ސިހުރު ހަދާފައިވަނީ ރަށުގެ އެކި ހިސާބުތަކުގައި ހުރި ބިޔަ ގަސްތަކަށް ކަމަށެވެ.

"ދެން ރޭ ހައްޔަރުކުރި ހިސާބުން ރަށުގެ ރައްޔިތުން އޭނާ ދެކެ ވަރަށް ހިތްހަމަނުޖެހިގެން މަގުމައްޗަށް ނުކުމެފައިވަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ މުއްދަތު ޖަހަން ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކޯޓު ދަށުގައި ވެސް ރައްޔިތުން ނުރުހުން ފާޅުކުރި ކަމަށެވެ. އަދި، އެ މީހާއަށް ހައްގު އަދަބު ދޭން އެ ރަށު މީހުން ވަނީ ގޮވާލާފައެވެ.

އޭނާ ސިހުރު ހަދަން ބޭނުންކުރި ބައެއް ސާމާނު ކަމަށް ތުހުމަތުކުރެވޭ ތަކެތީގެ ފޮޓޯ ވެސް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ފުނަދޫ ގޮނޑި މަމްދޫހު ކާމިޔާބުކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ މެންބަރު އިލްހާމް އަހުމަދަށް ވުރު 1،100 ވޯޓުގެ ތަފާތުންނެވެ. މަމްދޫހު ވަނީ 1486 ވޯޓު ހޯއްދަވައިފައެވެ.

comment ކޮމެންޓް