ހުޅުމާލޭގައި ހަބީބް ބޭންކްގެ ބްރާންޗެއް ހުޅުވައިފި

މިނިސްޓަރު ސައީދު، ހަބީބް ބޭންކްގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުއްވައިދެއްވަނީ --- ފޮޓޯ ޓުވިޓާ

ރާއްޖޭގައި ދެވަނައަށް ހުޅުވި ބޭންކް ކަމަށްވާ ހަބީބް ބޭންކުގެ ބްރާންޗެއް މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި އެ ބޭންކްގެ ބްރާންޗެއް ހުޅުވި ފުރަތަމަ ފަހަރެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެއެވެ.

ހަބީބް ބޭންކުގެ ބިޒްނަސް ހެޑް އަވައިސް އައްބާސް ބަލޮޗް "ސަން" އަށް ވިދާޅުވީ، އެ ބޭންކުން އަބަދުވެސް އަންނަނީ ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން މިއަދު ހުޅުމާލޭގައި ހުޅުވި ބްރާންޗްގެ ސަބަބުން ވެސް ހުޅުމާލޭގައި ދިރިއުޅޭ އެ ބޭންކުގެ ކަސްޓަމަރުންނަށް އެ ބޭންކުގެ ހިދުމަތްތައް ހޯދުމަށް ލުއިފަސޭހަކަން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް އަޅުގަނޑުމެންގެ ހިދުމަތް ފުޅާކުރަން،" ހަބީބް ބޭންކްގެ ބިޒްނަސް ހެޑް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ހުންނަ އެ ބޭންކުގެ ބްރާންޗުން ލިބޭ ހުރިހާ ހިދުމަތެއް ވެސް ހުޅުމާލޭގައި ހުޅުވި ބްރާންޗުން ލިބޭނެއެވެ.

ހުޅުމާލޭ ބްރާންޗް ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އާއި ހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް