ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް ފިނޭންސް މިނިސްޓްގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމްއާއި، މީގެ ކުރިން ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ އަބްދުލް މަޖީދު އަލީ އައްޔަނުކޮށްފިއެވެ.
އެ ދެބޭފުޅުން އައްޔަން ކޮށްފައި ވަނީ ޕެންޝަން އޮފީހުގެ ބޯޑުން އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ބޭފުޅުންގެ ގޮތުގައެވެ.
ސަރުވަޝް، ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.
މަޖީދަކީ މީގެ ކުރިން 2022 ވަނަ އަހަރު ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރެއްވިއެވެ. އަދި އޭނާ ވަނީ ބޭންކް އޮފް ސިލޯނުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ބޯޑު އެކުލެވިގެން ވަނީ އަށް މެންބަރުންގެ މައްޗަށެވެ. ސަރުވަޝްއާއި މަޖީދުގެ އިތުރުން ދެން އެ ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ:
- ޑރ. އަހުމަދު އިނާޒް - ބޯޑުގެ ޗެއާޕާސަން
- ޝިފާޒާ ވަޖީހު - ސޯޝަލް ސެކިއުރިޓީ ދާއިރާ ތަމްސީލުކުރައްވާ މެންބަރު
- ފާތިމަތު އަބްދުﷲ ކަމާލުއްދީން - ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓާ ތަމްސީލުކުރައްވާ މެންބަރު
- އަޝްރަފް ރަޝީދު - ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ މެންބަރު
- މިޒްނާ މުހައްމަދު - އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެންބަރު
މިއިން ކޮންމެ މެންބަރެއްގެ ދައުރަކީ މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން ތިން އަހަރެވެ.