މަރުވެގެން ވެއްޓުނަސް އިސްތިއުފާގެ ސިޓީގައި ރައީސް ސޮއި ނުކުރައްވާނެ: ނިހާން

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު: ރައީސް ޔާމީނުގެ ވެރިކަން މަގުމަތިން ވައްޓާލުމަކީ އެއްވެސް ފަރާތަކަށް "ކުޅަދާނެ" ކަމެއް ނޫން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުވެގެން ވެއްޓުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމުގެ ސިޓީގައި ރައީސް އަބްދުﷲ ޔާމީނު ސޮއި ނުކުރައްވާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން މަގުމަތިން ވައްޓާލުމަކީ އެއްވެސް ފަރާތަކަށް "ކުޅަދާނެ" ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަމާއި އެކީގައި ދަންނަވަން ކެރިދާނެ، ބަޑި ހިފައިގެން ތިބި ބަޔަކު އެއީ ސީދާތޯ ނުވަތަ ނޫންތޯ އަޅުގަނޑަކަށް ނޭނގޭ. ބަޑި ބޮލުގައި ޖައްސާފައި އިސްތިއުފާގެ ސިޓީ މިއޮތީއޭ ސޮއިކުރާށޭ މިހާރުގެ ރައީސް ޔާމީނު އަރިހުގައި ދެންނެވިޔަސް މަރުވެގެން ވެއްޓުނަސް ސޮއެއް ނުކުރައްވާނެ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާފާ ހަމަހަމަކަމާއި ވިސްނުމާއި އެކުގައި ކުރިއަށްދާ ފަރާތްތަކުން ބޭނުން ވަނީ ތަރައްގީ ކަމަށެވެ. އަދި ވިދާޅުވީ އެ ތަރައްގީ ދިވެހި ރައްޔިތުންނަށް 2013 ވަނަ އަހަރުން ފެށިގެން ފެންނަމުންދާ ކަމަށެވެ.

"އެންމެ ދުވަހެއް ވެސް ހުއްޓުމެއް ނެތި ތަރައްގީ މި ސަރުކާރުން ގެންނަވާތީ ހަމަ އެއްކަލަ ޓީމަށް [އިދިކޮޅު ފަރާތްތަކަށް] އަނެއްކާވެސް ކެތް ނުވެގެން މިހާރު މިއޮތީ ބުނަން ފަށާފައި ވެރިކަން ވައްޓާލާ ވަގުތު އައިސް ޖެހުނީއޭ، ދެން ދޭނީ ހަފްތާއެކޭ ހުޅަނގުގެ މީހުން ތިމަންނާމެންނާ އެކީގައި އެބަ ތިއްބެވިއޭ. އެހެންވީމަ މި މެސެޖަކީ އާ މެސެޖެއް ނޫން. މިއީ އަލަށް ކުރަން އުޅޭ ކަމެއް ނޫން. ދުވަހަކުވެސް މި މީހުން ފިހަން އުޅުނު ރޮށްޓެއް ކެވިފައެއް ނެތް،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ އަރިހުން ރައީސް ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓު އެއްވެސް ޕްރައިމަރީ އަކާ ނުލާ ދިނުމަށް އެދިވަޑައިގަތީ 2018ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެންނަންޖެހޭ ސަބަބުތަކެއް އޮތުމުން ކަމަށެވެ.

comment ކޮމެންޓް