ރައްޔިތުންގެ މަޖިލީހުގެ ނިމެން މިދާ 19 ވަނަ ދައުރުގެ މިއަދަށް ތާވަލުކުރި ޖަލްސާގެ ކޯރަމް ވެސް ހަމަނުވެ، ޖަލްސާ ނުފެށި ދިގުލައިގެން ގޮސްފިއެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ހެނދުނު 9:00 އަށް އޮތީ ތާވަލުކޮށްފައެވެ.
އެކަމަކު، 9:30 ވެގެންދިޔައިރު ވެސް ޖަލްސާ ފަށަން ގާނޫނުއަސާސީން ލާޒިމުކުރާ ކޯރަމް ހަމަވެފައެއް ނުވެއެވެ. އެހެންވެ، ޖަލްސާ ފެށޭތޯ އަލުން 10:00 ގައި މަސައްކަތް ކުރައްވާނެ ކަމަށާއި އެ ވަގުތު ވެސް ކޯރަމް ހަމަނުވެއްޖެ ނަމަ ޖަލްސާ ނިންމަވައިލައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
"ބައެއް އިއްޒަތްތެރި މެންބަރުން ބޭރުގައި އެބަތިބި ކަމަށްވޭ. އެހެންކަމުން އަޅުގަނޑު 10 ޖަހާއިރު ކޯރަމް ހަމަވޭތޯ ބެލުމަށް ފަހު ދެން ޖަލްސާ ނިންމާލާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން 87 މެންބަރުން ތިބޭ މި 19 ވަނަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން 22 މެންބަރުން މަދުވެގެން ހާޒިރުވާންޖެހެއެވެ. އެ އަދަދު ހަމަނުވާނަމަ، ޖަލްސާ ކުރިއަކަށް ނުގެންދެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ނުފެށި ދިގުލައިގެން ދިޔައިރު، މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.
އެގޮތުން، މެންބަރުން ވަޒީރުންނާ ކުރަން ހުށަހަޅާފައިވާ 21 ސުވާލެއް ޖަވާބު ނުލިބި އޮތްއިރު، މަޖިލީހަށް ހުށަހަޅާފައިވާ 322 ޝަކުވާގެ ސިޓީއަކަށް ވެސް ޖަވާބު ނުދެވި އެބައޮތް ކަމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އަސްލަމް ވަނީ ފާހަގަކުރައްވައިފައެވެ.
އެ މަސައްކަތްތައް ނިންމަން މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އިއްޔެ ވެސް އަސްލަމް ވިދާޅުވިއެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ ހޯމަ ދުވަހުއެވެ. އޭގެ ކުރިއަށް އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހަށް ވެސް ޖަލްސާ އެޖެންޑާކޮށްގެން މަސައްކަތްތައް ނިންމަން ހުރަހެއް ނެތް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
އަލަށް އިންތިޚާބުވި 20 ވަނަ މަޖިލީހުގެ ދައުރު ފެށޭނީ މި މަހު 28 ގައި އެ މެންބަރުން ގާނޫނީ ހުވާ ކުރެއްވުމުންނެވެ.