މިހާރަކަށް އައިސް އިންތިހާބުތަކުގެ ފޯރި އިންތިހާއަށް ގަދައެވެ. ކައިރިކައިރީގައި އިންތިހާބުތައް އެބަ ބާއްވަ އެވެ. ކޮންމެ އިންތިހާބަކާ ގުޅިގެން ވެސް އެންމެ ހިތަށް އުނދަގޫވާނެ އެއްވަގުތަކަށް ވާނީ ނަތީޖާ ގުނާ ގަޑިޔާއި ނަތީޖާ އިއުލާންކުރާގަޑިއެވެ. ނަތީޖާ އިއުލާން ކުރުމުގައި ގިނަ ވަގުތު ނެގުމަކީ ކެނޑިޑޭޓުންނާއި ވޯޓްލާ މީހުން ވެސް އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ. ހަމަ އެހެންމެ އިންތިހާބުގައި ދިމާވާ އެފަދަ އެކިއެކި މައްސަލައަށް ހައްލު ބޭނުންވެ އެވެ. ހައްލަކަށް އިލެކްޝަންސް އިން ދައްކަނީ އިލެކްޓްރޯނިކް ވޯޓިން (އީވޯޓިން) ނިޒާމެވެ. ނަމަވެސް އެކަން ބަލައި ނުގަންނަން މަސްއްކަތްކުރާ އަދި ފާޑުކިޔާ ފަރާތްތައް އެހާމެ ގިނައެވެ.
ރާއްޖޭގައި ތައާރަފްކުރަން އުޅެނީ ކޮން ނިޒާމެއް!
އިލެކްޝަންސް ކޮމިޝަނުން ރާއްޖެ އަށް ތައާރަފް ކުރުމަށް ނިންމާފައިވާ އީވޯޓިން ސިސްޓަމާ އެކު ވޯޓްލާން ދާ މީހާއަށް ވޯޓް ކަރުދާސްކޮޅު ދޭނީ ސިސްޓަމަކުންނެވެ. އެ ސިސްޓަމްގައި އައިޑީކާޑް ސްކޭން ކޮށްލުމުން ފިންގާޕްރިންޓް ޖަހަން ޖެހޭނެ އެވެ. ފިންގާ ޕުރިންޓާއި ކާޑާ ދިމާވުމުން ނޫނީ ވޯޓް ކަރުދާހެއް ނުލިބޭނެ އެވެ.
ވޭތުވެ ދިޔަ އިންތިހާބުތަކުގައި އެންމެ ބޮޑަށް ޖެހުނު އެއް މައްސަލައަކީ ވޯޓްލާ މީހުންގެ ލިސްޓްގައި މަރުވެފައިވާ މީހުންގެ ނަންތައް ހުރި މައްސަލަ އެވެ. "މައްޔިތުން ވޯޓް ލައިފި" ކަމަށް ބުނެ ވޯޓުގެ ނަތީޖާއާ މެދު ޝައްކު އުފެއްދި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވާ ގޮތުގައި އީވޯޓިންއާ އެކު ވޯޓްލެވޭނީ ސީދާ އެއައިޑިކާޑުގެ ވެރިފަރާތަށެވެ.
"އޭރުން ހަމައެކަނި އައިޑީ ކާޑް އޮވެގެން ނުވާނެ، އައިޑިކާޑް ސިސްޓަމުން ސްކޭން ވުމުން ކާޑުގައި އިންނަ ފިންގާ ޕްރިންޓާއި ކާޑް ހިފައިގެން ދާ މީހާ ޖަހާ ފިންގާ ޕްރިންޓް ދިމާވީމަ ވާނީ، އެހެންވީމާ މަކަރުން ވޯޓެއް ނުލެވޭނެ،" އަކްރަމް ވިދާޅުވި އެވެ.
ވޯޓް ގުނަން 10 ވަރަކަށް މިނެޓް!
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުތަކުގައި ވޯޓުފޮއްޓެއް ގުނައި ނަތީޖާ އިއުލާން ކުރަން ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ނަގަ އެވެ. ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ދެ ދުވަސް ތިން ދުވަސް ވާފަހަރު ވެސް ދެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނަނީ އީވޯޓިން އާ އެކު އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އީވޯޓިން ނިޒާމާ އެކު ވޯޓް ފޮށީގައި ޑިވައިސްއެއް ހަރުކުރާނެ އެވެ. އެޑިވައިސް މެދުވެރިކޮށް އޮޓޯއިން ދާނީ ވޯޓް ގުނަމުންނެވެ. އޭގެ ބައެއް ޑިވައިސް އިން ސިކުންތުކޮޅެއްގެ ތެރޭގައި ވޯޓް ގުނާލެވެއެވެ. އިލެކްޝަން ކޮމިޝަނުން ލަފާ ކުރާގޮތުގައި ފުރަތަމަ ބޭނުންކުރާނެ ސިސްޓަމްއިން ފަސް މިނެޓާއި 10 މިނެޓާއި ދޭތެރޭ ވަގުތުކޮޅެއްގެ ތެރޭގައި ވޯޓް ގުނައި ނިންމާލެވޭނެ އެވެ.
ވޯޓްއަށް މަކަރު ހެދުމުގެ ފުރުސަތު އެބައޮތްތަ؟
އީވޯޓިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށަން ނިންމާފައި ވަނީ އަންނަ އަހަރު ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ. އެއީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮޓޯއިން ވޯޓް ގުނާ ތިން ފޮށި ބަހައްޓައިގެންނެވެ. އެއިންތިހާބުގައި ވޯޓް ކަރުދާސް ދިނުން ފަދަ ކަންކަން ކުރަން ނިންމާފައި ވަނީ ހަމަ ކުރިއެކޭ އެއްގޮތަށް މީހުން މެދުވެރިކޮށެވެ.
މީގެ ހަ އަހަރު ކުރިން އެނިޒާމް ރާއްޖެއަށް ތައާރަފްކުރަން އުޅުއްވި އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވާ ގޮތުގައި އީވޯޓިން ނަގާ ނަމަ އިލެކްޝަންގެ މައްޗަށް ބޮޑު އިތުބާރެއް އޮންނަންޖެހޭނެ އެވެ. އެހެން ގައުމުތަކުގައި ވެސް އެ ނިޒާމް ކާމިޔާބުވެފައި ވަނީ އެ ކޮމިޝަނަކާ މެދު އޮންނަ އިތުބާރެއްގެ ސަބަބުން ކަމަށް ފުއާދު ވިދާޅުވި އެވެ. ރާއްޖޭގެ އިލެކްޝަން ކޮމިޝަނާ މެދު އެ އިތުބާރު ނެތް ކަމަށް ފުއާދު ވިދާޅުވި އެވެ.
އީވޯޓިން ނަގާ ވާހަކަ ދައްކާއިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ ވޯޓް އޮޅުވާލުމަށް ކުރަން އުޅޭ ކަމެއްގެ ގޮތުގަ އެވެ. ފުއާދު ވިދާޅުވީ މެޝިންތަކަކީ ގަސްތުގައި ވިޔަސް ނުވަތަ ގަސްތުގައި ނޫންގޮތަށް ވެސް އޮޅުވާލެވޭނެ އެއްޗެއް ކަމަށެވެ.
އެކަން އިލެކްޝަންސް ކޮމިޝަނުން ދޮގުކުރެ އެވެ. އިލެކްޝަންގެ މެމްބަރު އަކުރަމް ވިދާޅުވީ އީވޯޓިންއާ އެކު ނަތީޖާގެ ސައްހަކަމާމެދު މާބޮޑު ޔަގީންކަމެއް އޮންނާނެ ކަމަށެވެ. އެވޯޓް މެޝިނާއި ފޮއްޓަކީ އިންޓަނެޓަށް ނުވަތަ ނެޓްވޯކަކާއި ގުޅާފައި ހުންނަ ސިސްޓަމަކަށް ނުވުމުން ހެކް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޮނީޓަރުންނާއި އޮބްޒާވަރުންގެ ކުރިމަތީގައި މިހާރު ހުސްފޮށި ދަށްކާގޮތަށް ހަމަ އެ ސްކޭނާ ދައްކާފައި ވޯޓް ގުނަން ފަށާނީ. ހަމައެއާ އެކު ވޯޓްގެ ނަތިޖާ ވެސް ބަލާނީ އެމީހުންގެ ކުރިމަތީގައި. އެހެންކަމުން އޮޅުވާލުމުގެ ފުރުސަތެއް ނޯންނާނެ،" އަކްރަމް ވިދާޅުވި އެވެ.
މިއަހަރު ލޯކަލް ކައުންސިލްގައި ބޭނުން ކުރާ އީވޯޓިން ފޮށިތައް އިލެކްޓުރޯނިކް ޑިވައިސްގެ އިތުރުން މެނުއަލްކޮށް ވެސް ގުނާނެ ކަމަށާއި އެއާ އެކު ޔަގީންކަން ބޮޑު ކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އީވޯޓިން އަކީ ހަރަދު ކުޑަ ނިޒާމެއް!
ކޮންމެ އިންތިހާބަކާ ގުޅިގެން އެތައް ހަރަދެއް ކުރަންޖެހެ އެވެ. ހާއްސަ ގޮތެއްގައި ވޯޓް ފޮށިތައް ކައިރީ ތިބޭ މީހުންނަަށް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ. ކޮންމެ ވޯޓް ފޮއްޓެއްކައިރީ 10 މީހުން ތިބޭއިރު ވޯޓް ގުނަން އިތުރު ފަސް މީހުން ބޭނުންކުރެ އެވެ.
އިލެކްޝަންސްގެ މެމްބަރު އަކްރަމް ވިދާޅުވީ އީ ވޯޓިން ތައާރަފްކުރުމާ އެކު މިހާރު އިންތިހާބްތަކުގައި ބޭނުންކުރާ އޮފިޝަލުންގެ ނިސްބަތް ދެ ގުނަ ކުޑަވެގެންދާނެ އެވެ.
އެ ނިޒާމް ރާއްޖެއަކަށް ނުގުޅޭ؟
މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދެ ގައުމެއް ފިޔަވައި ދެންހުރި ހުރިހާ ގައުމެއްގައި އީވޯޓިން ބޭނުންކުރެ އެވެ. އެނިޒާމް ބޭނުންކުރާ ގައުމުތަކަކީ އެތައް މިލިއަން މީހުން ވޯޓްލާ ގައުމުތަކެވެ. އެ ގައުމުތަކުގައި މެނުއަލްކޮށް ވޯޓް ގުނުމަކީ ކުރެވޭނެ ވަރު ކަމެއްނޫނެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނަނީ، 350،000 މީހުން ހަމަނުވާ ރާއްޖޭގައި އީ ވޯޓިން ތައާރަފްކުރަން އުޅުމަކީ ރާއްޖެއާ ނުގުޅޭ ކަމެއް ކަމަށެވެ.
އީ ވޯޓިން ރާއްޖެއާ ނުގުޅޭނެ ކަމަށާއި އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށް އީޔޫ އިން ބުނެފައިވާ އިރު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަކުރަމް ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވުމަކީ ދިވެހި ރާއްޖެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި 4 އޯގަސްޓް 2016ގައި ނިމިގެން ދިޔަ، ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމެންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެމްބޯސާ)ގެ ހަތް ވަނަ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ، ރާއްޖޭގައި އީވޯޓިންގް ނިޒާމު ތައާރަފު ކުރުމަށް ރާއްޖޭގެ އާބާދީގައި މައްސަލައެއް ނެތް ކަމަށް ފެމްބޯސާގެ ބައްދަލުވުންތަކުގައި ބައިވެރިވި ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަނުތަކުން ވެސް އެއްބަސްވި ކަމަށެވެ.
އީ ވޯޓިން އާ ގުޅޭ ގޮތުން އެތައް ވާހަކައެއް މިވަނީ ދެކެވެން ފަށައިފަ އެވެ. އިލެކްޝަނުން ބުނަނީ އެ ނިޒާމާ އެކު އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ސިޔާސީ ފަރާތްތަކުން ބުނަނީ އެއީ މަކަރު ހަދަން ކުރާކަމެއް ކަމަށެވެ. ކޮންމެއަކަސް މިކަމަށް ރަނގަޅު ހައްލެއް ބޭނުންވެ އެވެ. ޓެކްނޮލޮޖީއަށް އަހުުވެރިވުން މުހިންމެވެ. ތިން ގަޑިއިރުގެ މަސައްކަތް 10 މިނެޓަށް ކުޑަވުން އެއީ ބޮޑު ކާމިޔާބީއެކެވެ. ހަމަ އެހެންމެ ހަރުދަނާ ޑިމޮކުރަސީއެއް ގާއިމް ކުރުމަށް ޓަކައި ވޯޓްގެ ސައްހަކަން ވެސް ކަށަވަރުވާންޖެހެ އެވެ.